ޚަބަރު

ވީއައިއޭ އައު ޓަރމިނަލަށް ޤަތަރު އެއަރވޭސް


  • އެ އެއާލައިނުން ފުރި 162 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ

  • ޓާމިނަލް 1އިން މިހާރު 37 އެއާލައިނަކަށް ދަނީ ޚިދުމަތް ދެމުން

  • ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ އައު ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ޤަތަރުގެ ޤައުމީ އެއާލައިން, ޤަތަރު އެއަރވޭސްއަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1އިން ޤަތަރު އެއަރވޭސްއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލްއެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާޙީމް ޝަރީފު މުޙައްމަދާއި ޤަތަރު އެއާވޭސްގެ ނެޓްވޯކް ސްޓޭޝަންގެ ނައިބު ރައީސް ޕައުލް ލުސިއަން އާއި ގަތަރު އެއާވޭސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޤަތަރު އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 162 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލަށް ކައިރި ކުރި ޤަތަރު އެއާވޭސްގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 222 ފަސިންޖަރުންނަށް ވަނީ ސަޤާފީ ޙަރަކާތްތަކާއެކު، ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ޤަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2001 ގައެވެ. މި އެއާލައިނާއެކު، ޓާމިނަލް 1އިން މިހާރު 37 އެއާލައިނަކަށް ދަނީ ޚިދުމަތް ދެމުންނެވެ.