ޚަބަރު

މާޒިޔާ އަތުން ބަލިވެ ވެލެންސިއާ ލީގުގެ ފުލަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ކްލަބް ވެލެންސިއާ ބަލިވެ ލީގުގެ ފުލަށް ވެއްޓިއްޖެއެވެ. މާޒިޔާ މޮޅުވީ 3-0 ލަނޑުންނެވެ.

މި ނަތީޖާ އެކު މާޒިޔާ ވަނީ ލީގު ތާވަލުގެ އެއްވަނައިގަ އެޓީމުގެ ލީޑު ދަމަހައްޓައިފައެވެ. ކުޅުނު 12 މެޗުން މާޒިޔާ އެއްވަނައިގަ އޮތީ 34 ޕޮއިންޓާއެކުވެ. މި މެޗުން ބަލިވި ވެލެންސިއާ ލީގުގެ ފުލަށް ދިޔައީ ކުޅުނު 12 މެޗުން ލިބުނު 7 ޕޮއިންޓާ އެކު ގެއްލުނު ގޯލު އިތުރުވުމުންނެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ޑޮމިނޭޓް ކޮއްގެން ކުޅުނުއިރު އެޓީމުން ވަނީ ވެލެންސިއާގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކޮށް ފޮނުވާލާފައެވެ. މެޗުގެ 4 ވަނަ މިނިޓުގައި މާޒިޔާގެ ހަސަން ނަޒީމް އޭރިއާ ތެރެއިން ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައޯ ގޯލުގެ އަރިމަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ލަނޑު މާޒިޔާ އިން ކާމިޔާބުކުރީ ނަޒީމްއަށް އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ވައްދައިލައިގެންނެވެ. ނަޒީމް މި ލަނޑު ޖެހީ މެޗުގެ 22 ވަނަ މިނިޓުގައެވެ.

މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 32 ވަނަ މިނިޓުގައި އިލާން އޭރިއާ ތެރެއިން ޖައްސާލި ބޯޅައެއްގައި ހަމްޒާ މުހައްމަދެވެ.

މެޗުގެ 41 ވަނަ މިނިޓުގައި މާޒިޔާގެ ނާއިޒް ހަސަން އޭރިއާ ތެރެއިން މުހައްމަދު އިލާން އިމްރާން އަށް ބޯޅަ ޖައްސާލުމުން އިލާން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތިންނެވެ.

މިމެޗުގައި މާޒިޔާގެ ސްޕެއިން ކޯޗު ލުއިސްމާ ހެނާންޑޭޒް ވަނީ ޒުވާން ގިނަ ކުޅުންތެރިން ތަކަކަށް ފުރުސަތު ދީފައެވެ. މީގެ އިތުރުނަ ޓީމާ އަލަށް ގުޅުނު އަޒަރުބައިޖާންގެ އެޓޭކިން މިޑްފްލީޑަރ ނާޒިމް މަމަޒާދާ އަށް ވެސް ވަނީ ފުރުސަތު ދީފައެވެ.

މެޗުގެ 52 ވަނަ މިނިޓުގައު ނަޒީމް އަދި އިލާން އެކުވެގެން އުފެއްދި ހަމަލާއެއް އިލާން އޭރިއާ ތެރޭގަ ހުރެ ފޮނުވާލުމުން ކީޕަރު ވަނީ ދިފާއުކޮއްފައެވެ. މާޒިޔާގެ ތިން ވަނަ ލަނޑު ހަމްޒާ މުހައްމަދު ކާމިޔާބުކުރީ 80 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދަލައިގެންނެވެ.

ފުރަތަމަ ބުރުގައި މި ދެޓީމު ވާދަކުރި މެޗު މާޒިޔާ ކާމިޔާބު ކުރީ 5-0 ލަނޑުންނެވެ. މިއީ ލީގުގައި ވެލެންސިއާ ބަލިވި 9 ވަނަ ނެޗެވެ.