ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ލީގުގެ ގަދަ ތިނެއްގެ އުންމީދުއާ ކޮއްފިއެވެ. ވިކްޓަރީ މެޗު ކާމިޔާބު ކުރީ 4-1 ލަނޑުންނެވެ.
ވިކްޓަރީން މި ހޯދި މޮޅާއެކު އެޓީމުން ވަނީ ލީގުގައި ކުޅުނު 12 މެޗުން 19 ޕޮއިންޓް ހޯދާފައެވެ. ވިންޓަރީ ތާވަލުގެ ފަސްވަނައިގަ އޮތް ނަމަވެސް އެޓީމުން ވަނީ ތިންވަނައިގަވާ ބުރު ސްޕޯޓްސް ކުލަބާއި ހަތަރެއްގަ އޮތް ނިއުރޭޑިއަންޓާއި ޕޮއިންޓަކާ ގާތަށް ޖެހިލާފައެވެ.
ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފައެވެ. މެޗުގެ ފުރަތަމަ ހަމަލާ ފަސްވަނަ މިނިޓުގެ ތެރޭގެ ގްރީން ފޮނުވާލި އިރު، އެޓީމުގެ މުހައްމަދު ޖައިލަމް އޭރިއާތެރެއަށް ވަދެ ފޮނުވާލި މި ހަމަލާ ދިޔައީ އަރިމަތީ ދަނޑީގަ ޖެހިފައެވެ.
ވިކްޓަރީން އުފެއްދި ފުރަތަމަ ހަމަލާގައި އެޓީމުން ލަނޑު ޖެހިއިރު މި ލަނޑު އެޓީމަށް ކާމިޔާބު ކޮއްދިނީ ސްލޮވާކިޔާގެ ފޯވާޑް މިލޯސް ލަޗްނީއެވެ. މި ލަނޑު ލަޗްނީ ޖެހީ 16ވަނަ މިނިޓުގައި ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލުގެ ދުރުކަނަށް އަމާޒުކޮއްލައިގެންނެވެ.
ވިކްޓަރީން މެޗުގެ ލީޑު އިތުރަށް ފުޅާކުރީ 25 ވަނަ މިނިޓުގައި ހުސެން ފައިސަލް ނަގައިދިން ބޯޅައެއް އޭރިއާ ތެރޭގައި ހުރެފަ އަލީ ޝާމިސް ގޯލުގެ ތެރެއަށް ބޯޅަ ވައްދައިލައިގެންނެވެ.
މެޗުގެ 30 ވަނަ މިނިޓުގައި ވެސް އޭރިއާ ތެރެއަށް ޖައިލަމް ނަގިންދިން ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާއެވެ. މެޗުގެ 35 ވަނަ މިނިޓުގައި ވިކްޓަރީގެ އިބްރާހިމް ރިޒްވާން ދިން ބޯޅައެއް ލަޗްނީ ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ވިކްޓަރީ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިބުނު ޕެނެލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ލަޗްނީ އަށް ކުރި ފައުލަކަށް ދިން ޕެނެލްޓީ އެއްކެވެ. މި ޕެނެލްޓީ ގޯލަށް ވައްދާލީ ވެސް ލަޗްނީއެވެ.
މެޗުގެ ދެވަނަހާފު ފަށައިގެން ހަތަރުވަނަ މިނިޓުގައި ލަޗްނީ ހުސްކޮއްލާފަ ދިން ބޯޅައެއްގައި މި ލަނޑު ވިކްޓަރީއަށް ކާމިޔާބު ކޮއްދިނީ އަބްދުﷲ މިދުހަތު ފަހުމީއެވެ.
މެޗުގެ ގްރީން އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮއްދިނީ ލިބުނު ހިލޭޖެހުމަކުން އެޓީމުގެ ކެޕްޓަން ރިލްވާން ވަހީދުއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ 77 ވަނަ މިނިޓުގައިއެވެ.
މި ލަނޑަށްފަހު ގްރީން ކުޅުންތެރިން ވަނީ ކުރިއަށް ޖެހި ގިނަ އެޓޭކްތަކެއް ވިކްޓަރީގެ ގޯލަށް އަމާޒުކޮއްފައެވެ. މެޗުގެ 84 ވަނަ މިނިޓުގައި ޖައިލަމް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ވަނީ ގޯލާ ސީދާ ނުވެފައެވެ.
މެޗުގެ ފަހުކޮޅުގައި ވިކްޓަރީގެ ހަސަން ސުފިޔާން އޭރިއާ ބޭރުން ފޮނިވާލި ބޯޅައއެއް ވަނީ ކީޕަރު ދިފާއުކޮއްފައެވެ. މި ދެޓީމު ވާދަކުރި ފުރަތަމަ ބުރުގެ މެޗު ވިކްޓަރީ މޮޅުވީ 1-0 ލަނޑުންނެވެ. މިއީ ވިކްޓަރީ ލީގުގައި މޮޅުވި ހަވަނަ މެޗެވެ.