ޚަބަރު

ރިވެލި އޮޕަރޭޝަން: މާލެއިން 2 ބިދޭސީން ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ މީހުން

  • މި މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަަނާ ވަނީ ހަވާލުކޮށްފައި

  • މިމީހުން އުޅުނު ތަނުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވޭ

އައު އަހަރާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން ރިވެލީގެ ތެރެއިން، މާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާލޭގައި ބަނގުރާ ކައްކައި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އިންޑިޔާގެ ދެ ރައްޔިތުން ކަމަށްވާ 22 އަހަރުގެ މޮހަންދާސް ރަޖެންދިރަށާއި 41 އަހަރުގެ ބަލަސުބްރަމަނިޔަން ސެލަމްއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ، މިމަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ގެ ބަލައި ފާސްކުރިއިރު އެގޭގެ 3 ފަންގިފިލާއިން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި މި ގެއަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅެމުންދާ ގެއެއްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ 2 މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަަނާ ވަނީ ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ، ތަހުގީގު ކުރަމުންނެވެ.