ޚަބަރު

ކުރިއަށްދާން ދާން އުންމީދެއް ލިބިއްޖެ، ވިކްޓްރީން ކުރިއަރުވައިދޭނެ: ޝަހާ


  • އެފްއޭއެމް ވިމެންސް ލީގު 2025 ގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ޝަހާ

  • އޭނާ ބުނީ ކުރިޔަށްދާން ފުރުސަތު ދިނީ ޝިޔާނާ ކޯޗާއި ޓީމުގެ ކުޅުންތެރިން ކަމަށް

އަންހެން ފުޓުބޯޅައިގައި ކުރިޔަށް ދިއުމުގެ އުންމީދު އެބައޮތްކަމަށާއި، ކުރިޔަށްދާން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް އެފްއޭއެމް ވިމެންސް ލީގު 2025 ގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި ޝަހާ ޝަރީފް ބުނެފިއެވެ.

ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ބޭއްވި ފުރަތަމަ އަންހެން ފުޓުބޯޅަ މުބާރާތުގައި ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅުނު ޝަހާ ވަނީ މުބާރާތުގައި ފާހަގަަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފައެވެ.

”އަސްލު ހިތަކަށް ނާރާ ލިބޭނެއެކޭ. އެހެން ކުލަބެއްގައި އުޅެފަ ވިކްޓްރީން ޗާންސް ދިނީމަ މިހާ ހިސާބަށް މިއާދެވުނީ. ދެން ޝީޔާނާ ކޯޗު ޓީމުގެ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވިތްއައުޓް ދެމް މިއެއް ނުލިބޭނެ. ވިކްޓްރީން ބުނި އަޅުގަނޑު ކުރިއަރުވާދޭނަމޭ“ އަންހެން ލީގުގެ ޑްރީމް ޓީމުގައި ވެސް ހިމެނޭ ޝަހާ ބުންޏެވެ.

ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޝަހާ ބުނީ އަންހެން ލީގަށް ނިކުތީ އެއްވެސް ވަރަކަށް އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވިދާނެކަމުގެ އުންމީދެއްވެސް އޮވެގެން ނޫން ކަމަށެވެ.

އެހެންނަމަވެސް ވިކްޓްރީގެ ކޯޗު ޝިޔާނާގެ އެހީތެރިކާއެކު އޭނާއަށް މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކުމުގެ ފުރުސަތު އެ ކުލަބުން ހޯދައިދީ އޭނާ ކުރިއަރުވަދޭނެކަމަށް ބުނުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ޝަހާ ބުނީ އަންހެން ފުޓުބޯޅައަށް އުންމީދެއް ލިބިއްޖެ ކަމަށާއި، އޭނާ ކަހަލަ ކުޅޭހިތްވާ ކުޅުންތެރިންނަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އަންހެން ފުޓުބޯޅައިގެން ކުރިއަށްދާން އޭނާވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

ލީގުގައި ދެއްކި މޮޅު ކުޅުމާއެކު ޝަހާއަށް ވަނީ ގައުމީ ފުޓްސަލް ސްކޮޑުން ޖާގަ ލިބިފައެވެ. އޭނާއަށް އެންމެ ފުރަތަމަ ގައުމު ތަމްސީލުކުރުމަށް ލިބޭނެ ފުރުސަތަކީ ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 އެވެ.

ކޯޗު އާތިފް މުހައްމަދުގެ ބެލުމުގެ ދަށުން ގައުމީ އަންހެން ފުޓްސަލް ޓީމު އަންނަނީ އެ މުބާރާތަށް ތައްޔާރުވަމުންނެވެ. އަންހެން ފުޓްސަލް ޓީމު ތައިލޭންޑަށް ފުރާނި 10 ޖެނުއަރީގައެވެ.