އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލޭންޑް އާއި ދެކޮޅަށް ލީޑްސް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓް ގައި ސާޅީސް ހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ލީޑްސް އިން ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މި މެޗުގައި ސަންޑަލޭންޑްގެ ސައިމަން އަޑިންގްރާ ވަނީ މެޗުގެ 28 ވަނަ މިނިޓުގައި ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ލީޑްސްގެ ފޯވަޑް ޑޮމިނިކް ކެލްވަޓް ލެވިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ އޭނާ ލީގުގައި ލަނޑު ޖެހި ހަވަނަ މެޗެވެ.
ލީޑްސް އިން މި މެޗު އެއްވަރުކުރުމާއިއެކު އެ ޓީމަށް ވަނީ ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ފަސް މެޗަށް އިތުރު ކޮށްފަ އެވެ. އަދި ސަންޑަލޭންޑް އިން ވަނީ އަމިއްލަ ދަނޑުގައި އެ ޓީމުން ބަލިނުވެ އޮތް ރެކޯޑް މި ސީޒަނުގައި ދަމަހައްޓާފަ އެވެ.
މި މެޗު އެއްވަރުވުމާއިއެކު ސަންޑަލޭންޑް އަށް ވަނީ 18 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލުގެ 7 ވަނަ މަގާމް ލިބިފަ އެވެ. ލީޑްސް އަށް ލިބިފައިވާ 20 ޕޮއިންޓާއެކު އެ ޓީމު އޮތީ 16 ވަނައިގަ އެވެ.