މި ދައުރު ނިމޭއިރު މަސްވެރިކަމުން ލިބޭ ޢާމްދަނީ 2ގުނަ ވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ ތޭހައްޓިވަނަ އަހަރީ ދުވަހުގެ ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އާމްދަނީ ޤައުމަށް ވަންނަ ނިސްބަތުން މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މިހާތަނަށް އެދެވޭގޮތުގައި މަސައްކަތްތަކެއްކޮށްފައި ނުވާކަމަށެވެ. ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ ރާއްޖޭގައި ބާނާ މަސް އަގު އެއްކޮށްގެން ބޭރުކުރުންކަމަށް މީގެ 40 އަހަރު ކުރިންވެސް ދައްކަމުން އައި ވާހަކައަށް ވީނަމަވެސް މިކަމަށް އެންމެ އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
40 އަކަށް އަހަރު ތެރޭގައި ރާއްޖޭގައި ގާއިމުކުރެވިފައިވަނީ އެންމެ ފެކްޓްރީއެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ފެލިވަރުގައި ހުރި 50 ޓަނުގެ ފެކްޓްރީއެވެ. މި ސަރުކާރުން ބޭނުންވަނީ ރާއްޖޭގައި ބޭރުކުރެވޭ ހުރިހައި ބާވަތަކަށް އަގު އެއްކޮށްގެން ބޭރުކުރެވެންކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސަރުކާރުން މިކަމަށް ޚަރަދުކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަމަށް ޚަރަދު މިކުރަނީ އިރާދަކުރެއްވިއްޔާ މިހާރު ހުރި ކެޕޭސިޓީ އަޅުގަނޑުމެން އެތައް ގުނައެއް މިކުރަނީ އިނގޭތޯ. ގާތްގަނޑަކަށް 50 ޓަނު އަޅުގަނޑުމެން 300 ޓަނަށް އަޅުގަނޑުމެން އިތުރު މިކުރަނީ. އެ މަސައްކަތްތަކުގެ ބޮޑު މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ 2026 ވަނަ އަހަރު ފެނިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރަމުންދަނީ މަސްވެރިކަމުން ރާއްޖެއަށް ލިބޭ ޢާމްދަނީ އިތުރުކުރުމަށްކަމަށެވެ. މި ދައުރުގެތެރޭގައި މިކަން ހާސިލްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަށް މިލިބޭ އާމްދަނީ ގުނަކުރަން އަޅުގަނޑުމެން ބޭނުންވޭ. މިސާލަކަށް 92 މިލިޔަން ޑޮލަރު ދިވެހިރާއްޖެއަށް އަހަރަކު މަސްވެރިކަމުން ވައްދާކަމަށްވަންޏާ އަޅުގަނޑުމެން އެބަ ބޭނުންވޭ 270 ނުވަތަ 280 މިލިޔަން ޑޮލަރު އަހަރެއްގެ ތެރޭގައި އިރާދަކުރެއްވިއްޔަ މި 5 އަހަރުގެ ތެރޭގައި މީޓްކުރާނަން އިނގޭތޯ މި ޓާގެޓަށް. އޭގެތެރެއިން މުހިންމު މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ 2026 ވަނަ އަހަރު ކުރެވޭނެ އިނގޭތޯ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމަށް ފަހި ބަޖެޓެއް އަންނަ އަހަރު ކަނޑައަޅާފައި އެބައޮތްކަމަށެވެ. އަމާޒަކީ 2026 ވަނަ އަހަރު މިހާރު ފަށާފައިވާ ކޯލްޑް ސްޓޯރޭޖްތަކުގެ ބޮޑުބައެއް ނިންމާލުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބައެއް ކޯލްޑް ސްޓޯރޭޖްތައް އޮޕަރޭޝަންއަށް ގެނައުމަކީވެސް އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.