ދިވެހި ފުލުހުންގެ ޚިދުމަތުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ކޮންމެ ފުލުހަކަށްވެސް މަޤާމާއި ކުރިއެރުން ލިބުމުގެ ފުރުސަތު އޮންނާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ ވަނީ ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކީ ގިނަ އަހަރުތަކެއްގެ މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވެފައެވެ.
މިއަހަރުގެ އޮކްޓޯބަރ މަހު 6 ވަނަ ދުވަހު ބޭއްވި ވިމެއިން އިން ޕޮލިސިން ސަމިޓުގެ ތެރެއިން ދާޚިލީ ވުޒާރާގެ ދަށުން ހިންގާ ތަންފީޒީ އިދާރާތަކުގައި މެދުގައި ގުޅިގެން މަސައްކަތް ކުރުމަށް މުޢާހަދާއެއްގައި ވަނީ ސޮއިކޮށްފައެވެ. މި މުއާހަދާގެ ދަށުން ތަންފީޒީ އިދާރާތަކުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ޤާބިލީއްޔަތުކަން އިތުރުކުރުމަށް އެކުގައި މަސައްކަތް ކުރާން ވަނީ ނިންމާފައެވެ. މި މުއާހަދާއާޢި ގުޅިގެން އެކި އިދާރާތަކުގައި މިވަގުތު އަންހެނުން މުވައްޒަފުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަން ހައްލުކުރުމަށް ކުރާނެ ކަންތައްތައް ހުށަހެޅުމަށް 'ފްރޮމް ޑެކްލެރޭޝަން ޓު އެކްޝަން: ޖޮއިންޓް އޭޖެންސީ ވޯކްޝޮޕް' ނަމުގައި ހާއްސަ މަސައްކަތުގެ ބައްދަލުވުމެއް ދިވެހި ފުލުހުންގެ ޚިދުމަތުން އިސްވެ ވަނީ ކުރިއަށް ގެންގޮސްފައެވެ.
މަސައްކަތުގެ ބައްދަލުވުން ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވީ ވޯކްޝޮޕްގެ ތެރެއިން ތަންފީޒީ އިދާރާތަކުގައި މަސައްކަތް ކުރާ އަންހެނުންގެ ކުރިއެރުވުމަށް މުހިންމު ޚިޔާލުތަކެއް ލިބިގެންދިޔަކަމަށެވެ. އަދި ބައްދަލުވުމުގެ ތެރެއިން ހުށަހަޅުންތައް ތަންފީޒު ކުރުމަށް ހުރިހާ އިދާރާތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މިއަހަރު ނިމުމުގެ ކުރިން ބައްދަލުވުން ބޭއްވުމުގެ އެއް ބޭނުމަކީވެސް ޢަމަލުކުރާނެ ވަކި ސިޔާސަތުތައް ދެނެގަތުންކަން ސީޕީ ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ ވަނީ މަސައްކަތު ބައްދަލުމުގެ ތެރެއިން ހުށަހެޅުނު ކަންކަން، ތަންފީޒު ކުރުމަށް ކަރުދާހެއް ތައްޔާރު ކުރެވި، ވަޒީރުގެ ލަފަޔަށްވެސް އެދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއަށް ފަހު ތަންފީޒު ކުރުމަށް އިދާރާތައް އެކުވެ މަސައްކަތް ކުރައްވާނެ ކަމަށާއި މިކަމުގައި ހުށަހެޅުންތައް ހުށަހެޅުމުގައި އިސްވެ މަސައްކަތް ކުރެއްވި އަންހެން މުވައްޒަފުން އިސް ދައުރެއް އަދާކުރާނެކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރުގެ ވާހަކައިގައި ފުލުހުންގެ ޚިދުމަތުގައި އަންހެނުން ދައުރުފުޅާކުރުމަށް މިހާތަނަށް ހަރުދަނާ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ޚިދުމަތަކީ އަންހެނެއް ނުވަތަ ފިރިހެނެއް ތަފާތު ނުކޮށް ޒިންމާ އުފުލޭނެ ކޮންމެ މީހަކަށްވެސް ހަމަހަމަ ފުރުސަތެއް އޮތް ތަނެއް ކަމުގައި ފާހަގަކުރެއްވިއެވެ.
"މިތާގައި ވަކި ކޯޓާ ސިސްޓަމެއް ނޯންނާނެ. ވަކި އަންހެން ފިރިހެން ހާއްސަ މަޤާމުތަކެއް ނޯންނާނެ. ހުރިހާ ބޭފުޅުންވެސް މަޤާމުތަކަށް ކުރިމަތިލާންވީ، އެ މަޤާމުތަކަށް ކުރިމަތިލައިން، އެކޮމިޓްމެންޓާއި ރެސްޕޮންސިބިލިޓީ ނެގޭ ފުލުހުން ތިބެއްޖެއިއްޔާ އެކަންތައް ކުރާނެ. ވަރަށް ގިނަ ޑިޕާޓްމެންޓުތަކުގައި ވަރަށް ޒިންމާދާރު ގިނަ މަސައްކަތްތައް އަންހެން ބޭފުޅުން އެބަ ކުރޭ" ކޮމިޝަނަރ ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިސްވެ ބޭއްވި މަސައްކަތު ބައްދަލުވުމުގައި، ދާޚިލީ ވުޒާރާގެ ދަށުން މަސައްކަތް ކުރާ އެކި އިދާރާތަކުން ވަނީ އެއިދާރާއެއްގެ ފަރާތުން ރަނގަޅު ކުރަން ބޭނުންވާ ކަންކަން ހުށަހަޅާފައެވެ. މިކަންކަން ތަންފީޒުކުރުމަށް ބޭނުންވާ އެއްބާރުލުން ލިބޭނޭ ކަމުގެ ޔަޤީންކަން މި ބައްދަލުވުމުގެ ތެރެއިން ލިބިގެން ގޮސްފައިވާ ކަމަށް އެއިދާރާތަކުން ވިދާޅުވިއެވެ.
މިމަސައްކަތު ބައްދަލުވުމުގައި، ދަޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ، މޯލްޑިވަސް ކަސްޓަމްސް ސާވިސް، ފުލުހުންގެ ޚިދުމަތް، އިމިގްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބައިވެރިވިއެވެ. މީގެ އިތުރުން ދައުވަތު ދެވިގެން ދިވެހި ޤައުމީ ދިފާޢީ ބާރު އަދި ދިފާޢީ ވުޒާރާގެ ދަށުން މަސައްކަތް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ވަނީ ބައިވެރިވައެވެ. ފުލުހުން ވަނީ އިދާރާތައް ގުޅިގެން ކަނޑައެޅޭ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ވަކި ނިޒާމެއްގެ ތެރެއިން ބެލުމަށް ނިންމާފައެވެ.