ޚަބަރު

ދިވެހި ޑިޖިޓަލް ވޮލެޓުގެ ޚިދުމަތް އަންނަ މަހު ފަށަނީ


  • ސްވައިޕްގެ ބީޓާ ޓެސްޓިންގ މަރުހަލާ ވަނީ ފަށާފައި

  • އަންނަ މަހު ސްވައިޕްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ފަށާނެ

  • ވިޔަފާރީގެ މުއާމަލާތް ކުރާ ބޭރުގެ ވިޔަފާރިތަކަށްވެސް ބޭނުންތެރި ވަސީލަތްތަކަށް ސްވައިޕްވާނެ


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓް ސްވައިޕް ބީޓާ ޓެސްޓިންގ މަރުހަލާ ފަށާފައިވާ ކަމަށާއި، އަންނަ ޖެނުއަރީ މަހުން ފެށިގެން ސްވައިޕް ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ފަށާނެ ކަމަށް އެބޭންކުން ވިދާޅުވެއްޖެއެވެ.

ސްވައިޕްއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ. ބީއެމްއެލްއިން 'ސްވައިޕް' ލޯންޗްކޮށްފައިވަނީ، މިދިޔަ އޮކްޓޫބަރ މަހުގެ ތެރޭގައެވެ.

ބީއެމްއެލްއިން ވިދާޅުވީ، ސްވައިޕްގެ ބީޓާ ޓެސްޓިންގ މަރުހަލާ ފަށާފައިވާ ކަމަށާއި، މި މަރުހަލާގައި ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްފައިވާ ކަމަށެވެ. މިއީ، ސްވައިޕްގެ ޚިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން، ބޭނުން ކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށްޓަކައި ހިންގާ މުހިންމު ޓެސްޓިންގ މަރުހަލާއެއް ކަމަށެވެ.

ބީއެމްއެލުން ވިދާޅުވީ، އަންނަ ޖެނުއަރީ މަހުން ފެށިގެން ސްވައިޕް ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ފަށާނެ ކަމަށެވެ. އަދި ހަމަ އެމަހުގެ ތެރޭގައި ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލައި، ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި، ފައިސާ ލިބުމުގެ ޚިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ. މީގެ ސަބަބުން ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް، ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ޕޭމަންޓްތަކާއި ބައިނަލްއަޤުވާމީ މުއާމަލާތްތަކުގެ ޚިދުމަތް ފެށުމަށް އެ ބޭންކުން ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފުރަތަމަ ކުއާޓަރުގައި ބައިނަލްއަޤުވާމީ ޕާޓްނަރޝިޕްތަކާއެކު ސްވައިޕްގެ ޚިދުމަތް ފުޅާވެގެންދާއިރު، ސްވައިޕް މެދުވެރިކޮށް ރާއްޖެ ދުނިޔޭގެ މާކެޓާ ގުޅުވައިދީ، ޑިޖިޓަލް މާލީ ޚިދުމަތްތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ދަމަހައްޓަމުންދާ ކުރިއެރުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްގެ އަމާޒަކީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްވައިޕްގެ ޚިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުމެވެ. މިއާއެކު ބީއެމްއެލުން ދުނިޔޭގެ މަޤުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން ސްވައިޕް މެދުވެރިކޮށް ދިވެހީންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ ގޮތް ހަމަޖައްސައި، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި، ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހިގެންދާނެ ކަމަށް އެބޭންކުން ވިދާޅުވެއެވެ.

އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރުގެ މުއާމާލާތް ކުރާ ދިވެހިންނަށާއި ދިވެހިރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބޭރުގެ ވިޔަފާރިތަކަށްވެސް ކޮންމެހެން ބޭނުންތެރި ވަސީލަތަކަށް ސްވައިޕް ވެގެންދާނެ ކަމަށްވެސް ބީއެމްއެލުން ވިދާޅުވިއެވެ.

އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްޤީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ ޤަވާއިދުތަކާއި، ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕަކީ، ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލާލެވޭނެ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއްވައެވެ. އަދި ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުން ކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށާއި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނެގޭނެ ކަމަށްވެސް އެ ބޭންކުން ވިދާޅުވިއެވެ.