ޚަބަރު

ބޯންމަތު އިން ޗެލްސީ ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ބޯންމަތުގެ އެންޓޮއިން ސެމެންޔޯ އެއްލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑޭވިޑް ބްރޫކްސް އެވެ. އުމުރުން 25 އަހަރުގެ ސެމެންޔޯ ބޯންމަތުގެ ޖާޒީގައި ފެނިގެންދާނެ ފަހު މެޗުގެ ގޮތުގައި ގިނަ ބަޔަކު މި މެޗު ސިފަކުރިއިރު އޭނާ ހޯދުމަށް މެންޗެސްޓަރ ސިޓީ އިން ވަނީ 65 މިލިއަން ޕައުންޑުގެ ހުށައެޅުމެއް ހުށައަޅާފަ އެވެ.

ބޯންމަތު އިން ލަނޑެއް ޖަހާ ލީޑު ނެގިތާ ނުވަ މިނިޓު ފަހުން ޗެލްސީ އަށް ލިބުނު ޕެނަލްޓީ އަކުން ކޯލް ޕާމާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޗެލްސީގެ އެންޒޯ ފެނާންޑޭޒް ވަނީ މެޗުގެ 23 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފަ އެވެ. ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ބޯންމަތުގެ ޖަސްޓިން ކްލައިވަޓް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުން ތިން ޕޮއިންޓް ހޯދުމަށް މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ އެންޒޯ ފެނާންޑޭޒް އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭރިޔާ ތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ގޮސްފައިވަނީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.

މި ނަތީޖާ އާއިއެކު ތާވަލުގެ ތިންވަނައިގައި އޮތް އެސްޓަން ވިލާ އާއި ދެމެދު އޮތް ފަރަގު ކުޑަ ކުރުމަށް ޗެލްސީ އަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. 19 މެޗުން ލިބިފައިވާ 30 ޕޮއިންޓާޢެކު ޗެލްސީ ތާވަލުގެ ފަސްވަނައިގައި އޮތްއިރު ބޯންމަތުއަށް ލިބިފައިވާ 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.