އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށް އެއްވަނައިގައި އޮވެ އަހަރު ނިންމާލައިފި އެވެ.
މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން ޖުމްލަ 45 ޕޮއިންޓާ އެކު އެއްވަނައިގައި އޮވެ އަހަރު ނިންމާލާފަ އެވެ. އެސްޓަން ވިލާ އަށް 19 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް އާސެނަލް ނިކުތްއިރު އެ ޓީމުގެ މިޑްފީލްޑަރ ޑެކްލަން ރައިސް އަށް އަނިޔާވެފައިވާތީ އޭނާ މި މެޗުގައި ކުޅެފައެއް ނުވެއެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ގެބްރިއެލް މަގަލާއެސް ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ.
އާސެނަލް އިން މި މެޗުގައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައިވަނީ މެޗުގެ 52 ވަނަ މިނިޓުގައި މާޓިން ޒުބިމެންޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 69 ވަނަ މިނިޓުގައި ލިއަންދްރޯ ޓްރޮސާޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި އާސެނަލް އިން ޖެހި ހަތަރުވަނަ ލަނޑު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގެބްރިއެލް ޖިސޫސް މެޗުގެ 78 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިންއިރު އެސްޓަން ވިލާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އޮލީ ވޮޓްކިންސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މި އަހަރުގެ ސީޒަނުގައި އާސެނަލް އިން މިހާތަނަށް ކުޅުނު 19 މެޗުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ އެންމެ 2 މެޗުންނެވެ. ސަންޑަލެންޑް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅޭ މެޗުން ސިޓީ މޮޅުނުވެއްޖެ ނަމަ އާސެނަލް އަށް އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ލިބިގެންދާނެ އެވެ.