ޚަބަރު

ކުޅިވަރުގައި ކާމިޔާބު އަހަރެއް، ކުރިޔަށް އޮތީ އުންމީދީ ދުވަސްތަކެއް


ކުޅިވަރުގެ ދާއިރާއިން ފާއިތުވި އަހަރަކީ މީގެ ކުރިން ރާއްޖެ ނުދެކޭވަރުގެ ހަލުވި ސްޕީޑުގައި އިންފްރާސްޓްރަކްޗަރ ނުވަތަ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ކާމިޔާބު އަހަރެކެވެ.

ރާއްޖޭގެ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭން ބޭރުގެ ތަޖުރިބާކާރުންގެ ލަފަޔާއެކު އެކުލަވާލާ އެ ޕްލޭން ތަންފީޒު ކުރުމަށް އަޒުމު ކަނޑައަޅައިގެން ފެށި 2025 ވަނަ އަހަރު މި ނިންމާލީ އުންމީދީ ކުރިމަގެއް ކޮށައިދީގެންނެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ރިކޯޑް އަދަދަކަށް ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމުގެ މަސައްކަތް ފަށައިގަތެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ދަނޑުތަކާއި ކޯޓުތަކާއި ޓްރެކްތަކާއި އައުޓްޑޯ ޖިމްތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތައް އަޅަން ފެށިއެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގެ ކުޅިވަރު އެރީނާތައް އެޅުމުގެ އަމަލީ މަސައްކަތް ފެއްޓިއެވެ. އެގޮތުން އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލާއި ބައިނަލްއަގްވާމީ، ފެންވަރުގެ ޓެނިސް ކޮމްޕްލެކްސް އާއި ސްކޭޓް އެރީނާ އަދި ސާފިން އެރީނާ ފަދަ ބޮޑެތި ޕްރޮޖެކްޓުތައް ފަށައިގަތެވެ.

ރާއްޖޭގަައި ކެރަމް ވޯލްޑް ކަޕާއި، ކާވާ ވޮލީ މުބާރާތާއި އައިޓީއެފް ޖޭ 30 އަދި އޭޓީއެފް ޖޭ 30 ޓެނިސް މުބާރާތެއްވެސް ފާއިތުވި އަހަރު ބޭއްވިއެވެ. އަދި ބެޑްމިންޓަނާއި ބައިނަލްއަގްވާމީ ބާސްކެޓް ބޯޅަ މުބާރާތެއް ވަރަށް ފުރިހަމަ ކަމާއެކު ރާއްޖެއިން ހޯސްޓްކޮށް ބައިނަލްއަގްވާމީ އިތުބާރު ހޯދި އެވެ.

ކޮރަޕްޝަނާއި އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އޮތް ފުޓްބޯޅަ އެސޯސިއޭޝަން އަލުން ކޮޅަށްޖަހާ ކިތަންމެ ދަތި ހާލަތެއްގައިނަމަވެސް ހުއްޓިފައި އޮތް ފުޓުބޯޅައަށް އަލުން ދިރުން ގެނެސްދީ ލީގެއް ފެށިއެވެ. އަދި އެއްކޮށް ހަނދާން ނައްތާލާފައި އޮތް އަންހެން ފުޓްބޯޅަވެސް އަލުން ފަށައިދިނެވެ. 2018ވަނަ އަހަރަށް ފަހު ބައިނަލްއަގްވާމީ މުބާރާތަކުން ތައްޓެއް ނުލިބި އޮތް ފުޓުބޯޅައިން ތަށިހޯދިއެވެ. އެގޮތުން ލަންކާ ބަލިކޮށް ސައުތު އޭޝިއަން ސުޕަކަޕްގެ ތަށި އުފުލާލިއެވެ. އަދި ދުނިޔޭގެ މައި އިދާރާގެ ސަސްޕެންޝަނުގައި އޮތް ބެޑްމިންޓަން އެސޯސިއޭޝަން އަލުން އިޔާދަކޮށްދީ ބެޑްމިންޓަން ކޮމިއުނިޓީއަށް އަލުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ފަހިކޮށްދިނެވެ.

ފާއިތުވި އަހަރު ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދާ އެކި ކެޓަގަރީތަކުން ރާއްޖޭގެ އެތުލީޓުން ރިހި އަދި ލޯ މެޑަލް ހޯދިއެވެ. އައިޓީއެފް ޖޭ30 ޓެނިސް މުބާރާތާއި އޭޓީއެފް މުބާރާތުންވެސް ރާއްޖޭގެ އެތުލީޓުން ޗެމްޕިއަންކަން ހޯދިއެވެ. ކެރަމް ވޯލްޑްކަޕްގައި ރާއްޖޭގެ އަންހެން ޓީމު މީގެ ކުރިން ނުދާ ހިސާބަކަށް ގޮސް ފައިނަލްގައި ކުޅެ ރަނަރަޕްކަންވެސް ދިވެހި އެތުލީޓުން ހޯދިއެވެ. ޓެނިސް ވޯލްޑްކަޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުންވެސް ގުރޫޕުގެ އެއްވަނަ ހޯދާ ދުނިޔޭގެ ރޭންކިންގައި ބޮޑުތަނުން ކުރިއަށް ޖެހިލިއެވެ.

‎މީގެ އިތުރުން ފާއިތުވި އަހަރަކީ ޓީޓީ އާއި ބެޑްމިންޓަންގައިވެސް ރާއްޖެއަށް ކާމިޔާބު އަހަރެކެވެ. އަދި ޝޫޓިންގައި ކުރިއެރުންތައް ހޯދާ ރަން މެޑަލް ހޯދިއެވެ.
ވަކިން ހާއްސަކޮށް މުޅިން އަލަށް ރާއްޖެއިން ވާދަކުރި އިންލައިން ސްކޭޓް ސީރީޒްގައި އިންޑޮނޭޝިއާގައި ވަރުގަދަ ދުއްވުންތެރިންނާ ވާދަކޮށް ރަން މެޑަލް އާއި އެކި އެކި ވަނަތައް ރާއްޖޭގެ ދުއްވުންތެރިން ހޯދިއެވެ.

ފާއިތުވި އަހަރުގެ އެންމެ ބޮޑު ކާމީޔާބީއަކީ ކުޅިވަރު އާއިލާއިން އެދި އެދި ތިބި ދިގުލައިގެންދިޔަ ކުޅިވަރު ގާނޫން އިސްލާހުކުރުމެވެ. ހަލުވި ސްޕީޑުގައި މި ސަރުކާރުން އެ މަސައްކަތް ނިންމިއެވެ. އެގޮތުން މަޖިލީހުގައި ބޮޑު ބަހުސަކަށްވެ އޮޅުންބޮޅުން އަރާފައި އޮތް ކުޅިވަރު ގާނޫނު އިސްލާހު
ކޮށް ހުއްޓިފައިއޮތް އެތުލީޓުންގެ ހައްގުތައް މި ސަރުކާރުން ހޯދައިދިނެވެ. އަރުތަ ޕްރޮގްރާމް އަލުން ފަށައިދީ މެއި މަހުން ފެށިގެން ދެ ޖިންސު ހަމަހަމަ ކޮށް ކުޅުންތެރިންނާ އޮފިޝަލުންގެ މުސާރަ ތައް އެއްހަމަކޮށް ތަފާތުކުރުންތައް ނައްތާލީ ފާއިތުވި އަހަރެވެ.

ނިމިގެން މިދިޔަ އަހަރު މެލޭޝިއާ އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސާކު ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރިއެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ކުޅިވަރު ކުޅޭ ސާމާނު ޗައިނާއިން ހަދިޔާ ކޮށްފައިވާއިރު އެތަކެތި ވަނީ އެސޯސިއޭޝަންތަކާއި ހަވާލުކޮށް އެކި ރަށްރަށަށް ބަހާލާފައެވެ. އަދި އަންނަ އަހަރަށް އުންމީދެއް ގެނެސްދީ ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސްއިން ރާއްޖޭގެ އަންހެން އަދި ފިރިހެން ހަތަރު އެތުލީޓުންވަނީ ރާޅާއެޅުމުގައި ވާދަކުރުމަށް ކޮލިފައިވެފައެވެ. އިންޑިއާގައި ބޭއްވި އޭޝިއާ ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ ކުރިއެރުންތައް ހޯދާފައެވެ.

ކާމިޔާބު އަހަރެއްގެ ގޮތުގައި 2025 ނިންމާލީ ކުޅިވަރުން މީހުން ބިނާ ކުރުމުގައި މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހާސިލު ނުކުރެވޭ މިންވަރަށް ގިނަ އަދަދެެއްގެ ޓެކްނިކަލް ސްޓާފުން ތަމްރީނު ކޮށްގެންނެވެ. އަދި ފުރަތަމަ ފަހަރަށް ގައުމީ ފުޓްސަލް ޓީމެއް ކުލަވާލާ އުޒްބަކިސްތާނުގެ ކޯޗެއްގެ އެހީގައި ތަމްރީނުކޮށްފައިވާއިރު މިއަހަރު ފަށައިގަންނާނީ އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕާއެކުގައެވެ.

ޖުމްލަކޮށް ބަލާއިރު ކުޅިވަރު އާއިލާއަށް އުފާވެރި އަހަރެކެވެ. ދެން އޮތީ އައު އަހަރު ފަށައިގެން މާ ގިނަ ދުވަހެއް ނުވެ ހުއްޓިފައި އޮތް ހޭންޑްބޯޅަ އިންޑޯ ކޯޓުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް ހޭންޑްބޯޅަ ކޮމިއުނިޓީއަށް ދިމާވެފައިވާ ވަސީލަތް ނެތުމުގެ ގޮންޖެހުމުން އަރައިގަތުމެވެ.

އައު އަހަރަކީ ކުޅިވަރު އާއިލާއަަށް އުފާވެރި އަހަރެކެވެ. ޖެނުއަރީން ފެށިގެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ލިބެން ފެށޭ އަހަރެވެ.

ސަރުކާރުން މިވަނީ އެތުލީޓުންނަށް ހުރި މާލީ ގޮންޖެހުތަކަށް ބޮޑު ލުއެއް ހޯއްދަވައިދެއްވާފައެވެ. އަދި ބޮޑު ކޮށްދެއްވި މުސާރަތަކާއެކު އެތުލީޓުން މި އަހަރު އެ ފަށައިގަންނަނީ އަމިއްލަ ގޮތުން އެކިގަައުމުތަކުގައި އޮތް މުބާރާތްތަކަށް އެ ފައިސާގެ އެހީގައި ދަތުރުކުރަމުންނެވެ. މިއީ މިއަހަރު ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ގޭމްސްތަކަށް ފަރިތަކުރުމަށް އެތުލީޓުން ހޯދާ ރަނގަޅު ފުރުސަތުތަކަކަށްވާނެއެވެ.

ހަމައެއާއެކު ރާއްޖެއަށް ކުޅިވަރުން ރީތިނަން ހޯދައިދިން އެހާރާއި މިހާރުގެ އެތުލީޓުންގެ އަގު ވަޒަންކޮށް އަންނަން އޮތް ޖީލުތަކަށް އެކާމިޔާބީތައް ފެންނަން ހުންނާނެހެން ކުޅިވަރު އަރުޝީފު ކުރުމުގެ މުހިންމު މަސައްކަތްވެސް ފަށައިގަތީ ފާއިތުވި އަހަރުގެތެރޭގައެވެ.

އެހެންކަމުން މި ފެށުނު 2026 ވެގެންދާނީ މިދިޔަ އަހަރު ފަށައިގެން ގިނަ މަޝްރޫއުތައް ނިންމާ ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ގޮތަށް ކުޅިވަރުން ހާސިލުކޮށްދެވާނެ ކަންކަން ހާސިލުވެގެންދާނެ އުންމީދީ އަހަރަކަށެވެ.