ޚަބަރު

އައު ޓާމިނަލުގައި ޒަމާނީ އީގޭޓް ބޭނުންކުރަން ފަށައިފި


  • ކޮންމެ ޓާރމިނަލްއެއްގައި 10 ގޭޓް ހިމެނޭހެން ޖުމްލަ 20 ގޭޓް ހަރުކުރާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދާއެއް ގޮތަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ އައު ޓާމިނަލުގައި އެންމެ ޒަމާނީ އީގޭޓްތައް ހަރުކޮށް ބޭނުންކުރަން ފަށައިފިއެވެ.

މިކަމަށްޓަކައި ވީއައިއޭގެ އައު ޓާނިމަލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އީގޭޓްގެ ޙިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނ،ް އަޙްމަދު ފަޞީޙެއެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރ އިސްމާޢީލް ނަވީންއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވީއައިއޭގެ އައު ޓާމިނަލުގައި އެންމެ ޒަމާނީ އީގޭޓްތައް ހަރުކޮށް ބޭނުންކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިޢުލާން ކުރެއްވީ މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

އީގެޓު ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވީއައިއޭ ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް އައު ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލުގައި ޤާއިމްކުރި ޒަމާނީ އީގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންނެވެ. ވީއައިއޭގެ އައު ޓާމިނަލުގެ އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން ޖުމްލަ 20 ގޭޓް ހަރުކުރުމަށް ވަނީ ނިންމާފައެވެ.

އެ ގޮތުން އެންމެ ފުރަތަމަ އެއާޕޯޓު ޓާމިނަލް 1ގެ އެރައިވަލްގައި 5 އީގޭޓު އަދި ޑިޕާޗަރގައި 5 އީގޭޓުން ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ. މި ޚިދުމަތުގެ ސަބަބުން ދިވެހީންނަށް ދަތުރުފަތުރުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ޚިދުމަތް ފެށިގެން މި ދަނީ ހަމައެކަނި ދިވެހީންނަށް ކަމުގައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އެރައިވަލްގައި 10 އީގޭޓުއަދި ޑިޕާޗަރގައި 10 އީގޭޓު ބަހައްޓައި، ބިދޭސީން ހިމެނޭހެން ރާއްޖެއިން ބޭރަށް އަދި ރާއްޖެއަށް ދަތުރުކުރާ މީހުނަނަށް އީގޭޓުގެ ޚިދުމަތް، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.