ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ހުޅުމާލޭގައި ތަރައްޤީކުރާ 'ގްރީން ނާސަރީ'ގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް ގުޅިގެން ހުޅުމާލޭގައި ތަރައްޤީކުރާ ނާސަރީއެއްކަމަށެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ މި ނާސަރީގެ މަސައްކަތް ކުރުމަށް އެޗްޑީސީ އާއި ތިމާވެއްޓާއި ބެހޭ ވުޒާރާ ދެމެދު މިދިޔަ މޭ މަހު ވަނީ ސޮއިކޮށްފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ހުޅުމާލޭގައި މިފަދަ ނާސަރީއެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލެ އިތުރަށް ފެހިކޮށް، ތިމާވެއްޓާ ރައްޓެހި މާޙައުލެއް ގާއިމުކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް ބެލެހެއްޓުންކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށްތައް ފެހިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. އަދި ރާއްޖެއިން ބޭރުން ގެންނަ ގަސް މި ނާސަރީގައި އިންދައިގެން ބޮޑުކޮށް ރަށްރަށަށް ފޮނުވާނެ ކަމަށާއި އެކަމަށް ޚާއްސަ މީހުން ތަމްރީންކުރުމަކީވެސް ނާސަރީ ތަރައްޤީކުރުމުގެ ބޭނުމެއްކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
މި ނާސަރީން 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްދަތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް ހައްދަމުން ދާނެކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ނާސަރީ ތަރައްޤީވެގެން ދިޔުމާއެކު ހުޅުމާލޭގެ ހިތްގައިމުކަން އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް ވިދާޅުވެ. އަދި މިއީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްޤީއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަންވެސް ފާހަގަކުރެއްވިއެވެެ. ހުޅުމާލޭގައި ތަރައްޤީކުރާ މި ނާސަރީއަކީ 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެކެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިތަނުގައި ލެބޯރެޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީން ހައުސްއެއް ހުންނާނެކަމަށެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް އިފްތިތާޙް ކޮށްފައިވަނީ މިދިޔަ އަހަރު ތިމާވެށީގެ ދުވަހުއެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 1،027،372 ގަސް ވަނީ އިންދާފައެވެ. އަދި 55 ރަށުގައި އެކި ބާވަތުގެ ގަސް އިންދަން ގަސް ހަދިޔާކޮށްފައިވާކަމަށާއޮ ހޭލުންތެރިކަމުގެ ޕްރޮގްރާމަތައް ސްކޫލްތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތަކަށް ފެން ދިނުމާއި ބެލެހެއްޓުމަށް ހުރި ގޮންޖެހުނަތަކަށް ބަލައި ފެން ދިނުމަށް ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވަނީ ހާމަކުރައްވާފައެވެ.