ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ހުއްދަ ނުނަގައި، ޤަވާއިދާ ޚިލާފަށް ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭ ފަޅުގައި އޮަޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރުމުގެ ތެރެއިން 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 34 އަހަރުގެ އެމްޑީ ޝޭކަރު ހޮސައިނާއި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ ރަސެލް މިއާއާއި، ސްރީލަންކާގެ އުމުރުން 27 އަހަރުގެ ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރައާއި، ސްރީލަންކާގެ އުމުރުން 35 އަހަރުގެ ތަރަކަ ސަމަން ކުމާރަ ދޭވަ، އަދި ހ. ބިންމަތީއާގެ / މާލެ، އުމުރުން 52 އަހަރުގެ މުޙައްމަދު މަނިކުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝޭކަރު ހޮސައިނާއި، ރަސެލް މިއާ ފަސް ދުވަހަށް، ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރައާއި، ތަރަކާ ސަމަން ކުމާރަ ދޭވަ ހަތް ދުވަހަށް އަދި މުޙައްމަދު މަނިކު ތިން ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ، ތަޙުޤީޤު ކުރަމުންނެވެ.