ހުކުރު ޚުޠުބާ ލިޔާނެ މައުޟޫޢުތަކާއި މެދު އާންމުގެ ޚިޔާލު ހޯދުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ހުކުރު ޚުޠުބާ ލިޔާ މައުޟޫޢޫއަށް އާއްމުންގެ ޚިޔާލު ހޯދުމަށް މީސްމީޑިއާގައި
ހުޅުވާލާފައިވާކަމަށެވެ. އަދި މީސްމީޑިއާގައި އެކަމާއި ގުޅޭގޮތުން ހިއްސާކޮށްފައިވާ ޕޯސްޓުގެ ތިރިއަށް ޚުޠުބާ ލިޔަން އާއްމުންނަށް ފެންނަ މައުޟޫޢުތައް ހިއްސާކުރުމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓަށް މިހާތަނަށް 600 އެއްހައި ހިޔާލު ލިބިފައިވާއިރު، އެކި ފަރާތްތަކުން ވަނީ ޚުޠުބާ ލިއުމަށް ފެންނަ މަޢުޟޫތައް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި އިޖްތިމާޢީ އެކި މައްސަލަތަކާއި، ދިނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޢުޟޫތަކުގެ އިތުރުން ޒުވާނުންނަށް މިހާރު ދިމާވެފައިވާ އެކި މައްސަލަތަކާއި ގުޅޭ މަޢުޟޫތައް ހިމެނެއެވެ.
މި ޕޯސްޓަށް ހުށަހަޅާ މަޢުޟޫތަކުގެ ތެރެއިން އެންމެ ގިނަ ފަރާތްތަކަމަށް ކަމުދާ މަޢުޟޫޢު އިޙްތިޔާރު ކޮށްދިނުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެދިވަޑައިގަންނަވައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ރާއްޖޭގެ މިސްކިތްތަކުގައި ކިޔާ ޚުޠުބާ ތައްޔާރުކުރަނީ އެއިރެއްގައި މުޖްތަމަޢު ތެރެއިން ފާހަގަކޮށްލެވޭ އިޖްތިމާޢީ ކަންކަމުގެ މައްޗަށެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްވެސް ޚުޠުބާތައް ލިޔެއެވެ.