ޒުވާން ޖީލު އުފެއްދުންތެރި ބަޔަކަށް ހެދުމަށް ޖުވާ ކުޅުން މަނާ ކުރުމަކީ، މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
މެންބަރުން މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ޖުވާ ކުޅުމަކީ ޖިނާޢީ ކުށެއް ކަމަށް ކަނޑައެޅުއްވުމަށް ޤާނޫނުލް ޢުގޫބާތަށް ހުށަހަޅުއްވާފައިވާ އިސްލާޙާ ގުޅޭގޮތުން ބަހުސް ކުރައްވަމުންނެވެ. މި ބިލު މަޖިލީހަށް ހުށަހެއްޅުއްވީ، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤެވެ.
ބިލު ހުށަހަޅުއްވައި އަޒާން ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގައި ޒުވާނުންގެ މެދުގައި ޖުވާ ކުޅުން އާންމުވެފައިވާ ކަމަށެވެ. ޖުވާ ކުޅުން އާންމުވެފައިވާ އެހެން ޤައުމުތަކުގެ ދިރާސާތަކުން ޖުވާގެ ސަބަބުން ޤައުމުގެ އުފެއްދުންތެރިކަން ދަށްވެގެންދާކަން ހާމަވެގެންދާ ކަމަށާއި، ޖުވާއިން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުދި އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ، ރާއްޖޭގެ ޒުވާނުންގެ މެދުގައި ޖުވާ ކުޅުން އިތުރުވަނީ އަވަހަށް މުއްސަނދި ވެވޭނެކަން ޤަބޫލުކުރެވިފައި އޮތުމުން ކަމަށެވެ. ނަމަވެސް މިއީ ގެއްލުން ހުރި އަމަލެއް ކަމަށާއި ޤާނޫނުލް ޢުގޫބާތަށް ހުށަހަޅާފައިވާ އިސްލާޙާއެކު އެފަދަ ކުށް ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭނެ ކަމަށް އަޒާން ވިދާޅުވިއެވެ.
" އޮންލައިންކޮށް ޖުވާ ކުޅޭވޭތީ ވަރަށް ގިނަ ފަރާތްތަކުން މިވަނީ މިކަން ކުރަން ފަށާފައި. މިފަދަ އޮންލައިން ޕްލެޓްފޯމުތައް ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅިގެންދާނެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ކުރިއަށް އޮތް ޖީލު ވަރަށް ނުބައި އާދައަކުން ސަލާމަތްވުމަށް މަގުފަހިވެގެންދާނެ،" ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤު ވިދާޅުވިއެވެ.
ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ޖުވާ ކުޅުން ވަރަށް ފުޅާދާއިރާގައި ހިނގަމުންދާ ކަމަށެވެ. ޖުވާ ކުޅޭ ބައިނަލްއަޤުވާމީ ކުންފުނިތަކަށް ވާގިވެރިވާ ދިވެހި ކުންފުނިތައްވެސް އެބަހުރި ކަމަށާއި ރާއްޖޭގެ ބޭންކުތަކަށް އެ މުއާމަލާތްތައް ނުހޯދޭ ވަރުގެ ކުދި އަދަދުތަކުން ޖުވާ ކުޅޭ މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާ ކޮށްދޭކަންވެސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ބޭންކުތަކުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރި ނަމަވެސް ޤާނޫނުގައި ކުށް ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ގޮންޖެހުންތައް ހުންނަ ކަމަށާއި މިހާރު ހުށަހަޅާފައިވާ އިސްލާޙާއެކު އެކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.
" ޖެންޒީއޭ މިކިޔާ ޖީލުގެ ވަރަށް ގިނަ ކުދިން ވަނީ މިކަމުގައި ޖެހިފައި. އަޅުގަނޑުމެންނަށް ފުޓުބޯޅަ ޓީމުތަކުގެ ޖާޒީތަކުންވެސް ފެންނަނީ ބެޓް ކުރާ ކުންފުނިތަކުގެ އިސްތިހާރުތައް. އެއީ، ޒުވާނުން އޭގެތެރެއަށް ވައްދުވަން ވެގެން ކުރާ މަސައްކަތެއްގެ ގޮތުގައި ފުޓުބޯޅަ އިސްތިހާރު ކުރާ ކުންފުނިތަކުންވެސް މި ބޭނުން ކުރަނީ މި ބެޓިން ކުންފުނިތައް. އެކަންކަމުން ޒުވާން ޖީލު ދުރުހެލިކޮށް، އުފެއްދުންތެރިި ބަޔަކަށް ހެދުމަށް ޖުވާ ކުޅުން މަނާކުރުމަކީ މުހިންމު ކަމެއް. ކުރިއަށް އޮތް ޖީލު އަދި ޤައުމުގެ އިޤްތިސާދު ސަލާމަތް ކުރުމަށް މުހިންމު ކަމެއް،" ނާޒިމް ވިދާޅުވިއެވެ.
ބިލަށް ތާޢީދު ކުރައްވާކަން ފާހަގަކުރައްވައި، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވީ، މިހާރުވެސް ޤާނޫނުލް ޢުގޫބާތުގައި ނެތް ނަމަވެސް ޖުވާ ކުޅުމަކީ މަނާކަމެއް ކަމަށާއި، ނަމަވެސް ޤާނޫނުލް ޢުގޫބާތުގައި އެކަން ހިމެނުމުން އެފަދަ މައްސަލަތަކުގައި ހުކުމް ކުރަން ފަސޭހަވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މިފަދަ ޤާނޫނުތައް ހަދަންވާނީ، ތަންފީޒު ކުރެވެން ޖެހޭނެ ދޮރުތައް ހުޅުވާލައިގެން ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.
"މި ޤާނޫނު ހަދާއިރުގައި އަޅުގަނޑުމެން އެބަޖެހޭ މި މުއައްސަސާތަކަށް ޤާނޫނުހަދާފައި މިގޮތަށް ކުރާށޭ ބުނުމުގެ ބަދަލުގައި އެ ބޭނުންވާ ވަސީލަތާއި ހުރިހާ އެއްޗަކާއެކު ދޭން، ދައުލަތުގެ ބަޖެޓުގައި އެބައި ހިމަނަން. އެހެން ނޫނިއްޔާ މިވާނީ މިކަންކަން އަލުން ހުއްޓުވަން އެޅޭ ބުރައަކަށް. މި ރަނގަޅަށް ތަންފީޒު ނުކުރެވިއްޖެއްޔާ،" ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވިއެވެ.
ޖުވާ ކުޅުމާއި ލިޔެކިޔުންތައް ފޯޖުކުރުން ޖިނާޢީ ކުށްތަކުގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުގޫބާތަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ގިނަ މެންބަރުން ތާޢީދު ކުރައްވައެވެ. އެގޮތުން، ރާއްޖޭގައި ޖުވާގެ އަމަލުތައް ފަތުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ވީހާވެސް އަވަހަށް ބިލު ފާސްވުމަކީ މުހިންމު ކަމެއް ކަމަށް މެންބަރުން ދެކެއެވެ.