ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މާލޭގެ ގެއެއް ބަލާފާސްކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ ހެންވޭރު ގެއެއްގައި ހަރަކާތްތެރިވީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އެގޮތުން އޭނާގެ ހާޒިރުގައި އެގެ ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ސަނީ އުމަރުގެ މައްސަލައިގެ ތަހުގީގަށް ހެކި ހޯދަން ހ. އަނދުންގެއަށް މިއަދު އޭނާ ވެއްދުމުން ހިތްހަމަނުޖެހިގެން، ހަމަނުޖެހުން ވެސް ވަނީ ހިންގާފައެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަށް ރިއާޔަތްކޮށް ސަނީ އުމަރުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުންނެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކުރީ އެ މައްސަލަ ބަލަމުން ދަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓާ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭރު ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖެހިއެވެ.