މި ޗުއްޓީގައި ޢުމްރާއަށްދިޔަ ހުރިހާ ދިވެހިންގެ ހާލުވެސް ޖުމްލަގޮތެއްގައި ރަނގަޅުކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑިސެންބަރު މަހާއި ޖަނަވަރީމަހު ރާއްޖެއިން 7000 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސްފައިވެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ޗުއްޓީގައި ރާއްޖެއިން 7000އަށްވުރެ ގިނަ ދިވެހިން ޢުމްރާއަށް ގޮސްފައިވާއިރު، ޖުމުލަކޮށް އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ.
ވަޒީރު ވިދާޅުވީ، އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން މިހާރު ކުރަމުން އަންނަކަމަށެވެ. އަދި މިމަހުގެ 10ވާ ހޮނިހިރު ދުވަހު އޭނާ މާލެ ގެނެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ބަލިމީހާ ރާއްޖެ ގެނައުމުގެ މަސައްކަތުގައި މޯލްޑިވިއަން އާއި އައިޖީއެމްއެޗުން ދެއްވާ އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރުއަދާކޮށްފައެވެ.
ޑިސެމްބަރުމަހާއި ޖަނަވަރީ ޢުމްރާއަށް ރާއްޖެއިން ދިޔަ ފުރަތަމަ ގްރޫޕް މައްކާއަށް ފުރީ، މިދިޔަމަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 262 ޢުމްރާވެރިން ފުރާފައިވެއެވެ. ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ މައްކާއަށްދާ އެންމެފަހު ގްރޫޕް ފުރާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހު 298 ޢުމްރާވެރިން ފުރާފައިވެއެވެ.
ރާއްޖޭގައި ޢާންމުކޮށް މީހުން އުމްރާއަށް ދަނީ، ޗުއްޓީތަކާއި ދިމާކޮށެވެ. މި ދުވަސްވަރު ގިނަ ބަޔަކު އުމްރާއަށް ދާއިރު، މީހުން ގެންދާ އެކިއެކި ކުންފުނިތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޝަކުވާތައް އިތުރުވެއެވެ.
ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލެއް ހަދާފައިވާއިރު، އެ އުސޫލުގައިވާ ގޮތުން ކޮންމެ ކުންފުންޏަކުންވެސް އުމްރާގެ ދަތުރުތަކަށް ފައިސާ ނެގުމަށްފަހު އެ ފައިސާ ޚަރަދު ކުރަން ޖެހޭނީ އުމްރާގެ ކަންކަމުގައި އެކަންޏެވެ.
އުމްރާއަށް މީހުން ގެންދިއުމުގައި ޢަމަލު ކުރުމަށް ގެޒެޓްކޮށްފައިވާ އުޞޫލުތަކާއި، ކުންފުނިތަކުން އެ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުންތަކާއި ޚިލާފްވާ ފަރާތްތަކަށް ނުވަތަ އެއަށް އަމަލު ނުކުރާ ފަރާތްތަކަށް ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.