ޚަބަރު

ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު: މަޖިލިސް ރައީސް


  • ޚާރިޖީ ވަޒީރާއި މަޖިލީހުގެ ރައީސް ވަނީ ގްލޯބަލް ސުމުދު ފްލޮޓީލާގެ ވަފުދާ ބައްދަލުކުރައްވާފައި

  • ގްލޯބަލް ސުމޫދު ފްލޮޓީލާއިން ކުރަނީ މުހިންމު މަސައްކަތްތަކެއްކަން ދެ ބޭފުޅުން ފާހަގަކުރެއްވި

ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ ދަތިތަކަށް ބައިނަލްއަޤުވާމީ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ފަރާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ވަފުދު، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާ ބައްދަލުކުރައްވައިފިއެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު ރާއްޖެއަށް އައީ މިމަހުގެ ހަވަނަ ދުވަހުއެވެ މި ވަފުދުގައި ހިމެނެނީ ތިއާގޯ އަވިލާ، ސައީދު އަބޫކޭޝެކް، މުހައްމަދު ނާދިރު އަލް-ނޫރީ އަދި ކްލިއޮނިކީ އެލެކްސޯޕޯލޯއެވެ. މިއީ، މި ހަރަކާތުގެ ސްޓިއަރިންގ ކޮމިޓީގައި ހިމެނޭ އިސް ފަރާތްތަކެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީގެ ދަޢުވަތަކަށް ރާއްޖެއަށް ގްލޯބަލް ސުމޫދު ފްލޮޓީލާގެ ވަފުދު ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވީ، އިއްޔެ އެ ވުޒާރާގައެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ، ފްލޮޓީލާގެ ވަފުދަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ ސަމާލުކަން ގެނައުމަށް އެ ހަރަކާތުން ކުރަމުން ދަނީ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި އިންސާފާއި، އިންސާނީ ކަރާމާތް ނެގެހެއްޓުމުގައި ގްލޯބަލް ސުމޫދު ފްލޮޓީލާއިން ކުރަމުންދާ މަސައްކަތްތަކަށް މަޖިލިސް ރައީސް ތަޢުރީފު ކުރައްވާ ހިތްވަރު ދެއްވިއެވެ. އަދި ފަލަސްތީނުގެ މައްސަލައިގައި، ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު ސާބިތުކަމާއެކުގައިކަން ކަށަވަރު ކުރައްވައި، ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުނުކެނޑި ފަލަސްތީނުގެ ހަައްޤުގައި ވަކާލާތު ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ވަގުތުން ތަޞްދީޤް ކުރެއްވި ކަމަށާއި، މިއީ ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ދިވެހިރާއްޖެއިން ފަލަސްތީނުގެ ހައްޤުގައި އެޅި ނުހަނު މަތިވެރި ފިޔަވަޅެއް ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މި ޒިޔާރަތުގެ ތެރެއިން ފްލޮޓިލާގެ ވަފުދުން ސަރުކާރުގެ އިސްވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި އަދި ގުޅުންހުރި އެކި ފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުންތަކުގައި ފްލޮޓިލާގެ މަޤުސަދުތަކާއި، މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކާއި އަދި ކުރިއަށް ރާވާފައިވާ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ޙިއްޞާ ކުރާނެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީން ބުނީ، މި ހަރަކާތަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާއި، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތު ކުރާ އުސޫލުތަކާ ގުޅޭ ހަރަކާތެއް ކަމަށެވެ. ސުމޫދު ފްލޮޓިލާއިން މިދިޔަ އަހަރު ކުރި މަސައްކަތްތަކާއި، މިއަހަރުގެ ބަހާރު މޫސުމަށް ރާވާފައިވާ ކަންކަމުގައި ދިވެހިންގެ ބައިވެރިވުން އިތުރު ކުރުމަކީވެސް މި ދަތުރުގެ އެއް ބޭނުމެއް ކަމަށް އައިއޭސީން ބުނެއެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ، ޣައްޒާގައި ދިގުލައިގެން ގޮސްފައިވާ އިންސާނީ ކާރިސާއަކަށް ދޭ ދެމެހެއްޓެނިވި، ސުލްހަވެރި ބައިނަލްއަޤުވާމީ އިޖާބައެކެވެ. މި ހަރަކާތުން ދަނީ، މިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، ޣައްޒާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ފެށި މި އިސްނެގުމަކީ، ނޮން-ވައިލެންސް ނުވަތަ ސުލްހަވެރި ހަރަކާތްތަކުގެ މައްޗަށް ބިނާވެފައިވާ، މަދަނީ އިންސާނީ އެހީގެ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤުސަދަކީ ކަނޑު ދަތުރުފަތުރުގެ މިނިވަންކަމާއި، އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަކާލާތު ކުރުމެވެ.