އާރުއެސްޑަބްލިއު ސިސްޓަމާއިއެކު މަހުގެ ކޮލެޓީ އިތުރުވެ، ރާއްޖެއިން ބޭރު ކުރާ މަހަށް ލިބޭ އަގު ރަގަޅުވެފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވެއްޖެއެވެ.
މިފްކޯގެ ސީއީއޯ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވަނީ، ފާއިތުވި 2025 ވަނަ އަހަރު މިފްކޯއިން މަސްވެރިންގެ ލާބައާއި މަންފާއަށްޓަކައި ކުރި ބައެއް ކަންތައްތައް ހިއްސާކުރައްވާފައެވެ. އޭގެތެރޭގައި 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދެއްވުމަށް ރައީސް ނިންމެވި ނިންމެވުން ފާހަގަކުރެއްވިއެވެ.
ފަރުޙަތު ވިދާޅުވީ، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މިހާތަނަށް މެދުނުކެނޑި 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުން އަންނަ ކަމަށެވެ. 10 ޑިސެމްބަރ 2024 އިން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 63،069 މެޓްރިކް ޓަނަށްވާ 973 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން 1 ކިލޯއިން މަތީގެ ހުރިހައި މަހެއް މިހާރު ގަންނަމުން ދަނީ، 16 ރުފިޔާއިން މަތިންކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ބަދަލާއިއެކު އެކި ބަނދަރުތަކުން އެކި ވަގުތު ސަޕްލައިއާއި ޑިމާންޑާއި އެއްވަރަށް 16 ރުފިޔާ އަށްވުރެ މަތިން މަސް ގަތުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވިފައެވެ.
މިފްކޯގެ ސީއީއޯ ވިދާޅުވީ، މިހާރު ގިނަ ދޯނިތަކެއްގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން މަހުގެ ކޮލެޓީ އިތުރުވެ، ރާއްޖެއިން ބޭރު ކުރާ މަހަށް ރަނގަޅު އަގެއް ލިބޭ ކަމަށެވެ.
"މަސްވެރިކަމުގައި މިހާރު މި ބޭނުން ކުރާ ހުރިހައި އޮޑިދޯނި ފަހަރަކީ ގިނައިން ޚާއްޞަކޮށް ދެކުނުގައި އާރުއެސްޑަބްލިއު ސިސްޓަމް އަޅާފައި ހުރި ދޯނިފަހަރު. އޭގެ މާނައަކީ، އަޅުގަނޑުމެން އައިސްޕްލާންޓުތަކުން އެމީހުން ބޭނުން ކުރާ އައިސް ބޭނުން ނުކޮށް އެމީހުންގެ ދޯނިފަހަރުގައި އެހުރި އައިސް ބޭނުން ކޮށްގެން އަޅުގަނޑުމެންނަށް މަސް ގެނެސްދެނީ. މީގެ ނަތީޖާއެއްގެ ގޮތުން ވަރަށް ކޮލެޓީ ރަނގަޅު މަސް އަޅުގަނޑުމެންނަށް ލިބޭ. އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް ރަނގަޅު އަގު ބޭރަށް ވިއްކައިގެންވެސް ލިބޭ. އެހެންވީމަ އަޅުގަނޑު ފާހަގަކުރަން ކޮލެޓީ ރަނގަޅުކުރަން ކުރެވުނު މަސައްކަތުން މިހާރު މަސްވެރިންނާއި ގުޅިގެން ކުރެވުނު މަސައްކަތުން އަޅުގަނޑުމެން ބޭރަށް މި ވިއްކާ މަހުގެ ރިޖެކްޝަން ރޭޓުވެސް ވަރަށް ބޮޑުތަން ދަށްކުރެވިފައި ވަނީ." ފަރުޙަތު ވިދާޅުވިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިޖިޓަލްއިން ގުޅިގެން ދަނީ ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރުއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށް ލޯނު ދޫކުރަމުންނެވެ. އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލައި 100،000 (އެއް ލައްކަ) ރުފިޔާއިން ފެށިގެން 2،000،000 (ދެ މިލިޔަން) ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.