ޚަބަރު

ވެމްކޯގެ ބްރޭންޑް އެމްބެސެޑަރުން އައްޔަންކޮށްފި


ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯގެ ބްރޭންޑް އެމްބަސެޑަރުންގެ ގޮތުގައި ތިން ބޭފުޅަކު ހަމަޖައްސައިފިއެވެ. 

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ އެމްބަސެޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މަރިޔަމް އުނޫޝާއާއި، ޢަބްދުއްރަޝީދު ޢަލީ އަދި އަޙުމަދު އާތިފްއެވެ. މި އެއްބަސްވުމުގެ ދަށުން އެ ބޭފުޅުންގެ ދާއިރާތަކުގައި މަސައްކަތް ކުރާއިރު ކުނީގެ މައްސަލަ ޙައްލުކުރުމަށާއި، ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރެވޭނެ ގޮތްތަކާމެދު ފަރުދީގޮތުން ކުރެވޭނެ ކަންކަމާމެދު ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާނެކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ. 

މީގެއިތުރުން، ތަފާތު ހަފްލާތަކާއި މުނާސަބަތުތަކުގައި ހަރަކާތްތެރިވުމުގެ އިތުރުން ސޯޝަލް މީޑިއާއާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާނެކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ.

"ވަގުތުވީ މިންވަރަކުން މި ބޭފުޅުން މީގަ ޝާމިލްވާނެ. އަޅުގަނޑު ކުރިން ދެންނެވި ގޮތަށް މި ފަހުމްނާމާއާއި އެކީގައި އަޅުގަނޑުމެންނާއެކީ ސޯޝަލް މީޑިއާގައި މަސައްކަތް ކުރުމާއި، އެއިން ސްޓްރީމް މީޑިއާގައި މަސައްކަތް ކުރުމާއި އަޅުގަނޑުމެން ބާއްވާ އިވެންޓްތަކުގައި މިބޭފުޅުން ބައިވެރިކުރުމާއި، އަޅުގަނޑުމެން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ބައިވެރި ކުރުމާއި، އެބޭފުޅުން ބާއްވާ އިވެންޓްތަކުގައި އަޅުގަނޑުމެން ބައިވެރިވުމާއި، މި ހުރިހާ ލެވެލްއެއްގައި އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރާނެ،." ފުއާދު ވިދާޅުވިއެވެ.