ޚަބަރު

ސަކާ އާސެނަލްގެ އެއްބަސްވުން އައުކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އާސެނަލްގެ ފޯވަޑް ބުކަޔޯ ސަކާ އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.

އިނގިރޭސިވިލާތަށް އުފަން އުމުރުން 24 އަހަރުގެ ސަކާ އާސެނަލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ 2031 ވަނަ އަހަރުގެ ނިޔަލަށެވެ.

އާސެނަލްގެ އެކަޑަމީ އިން ފާހަގަ ކުރެވުނު ސަކާ ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން އޭނާ ދަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލް އިން ލީގު ހޯދުމަށް މި ސީޒަނުގައި ކުރަމުންދާ މަސައްކަތުގައި ސަކާ ދަނީ މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. މި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ ހަތް ލަނޑު ޖަހާ އިތުރު ހަ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އާސެނަލް އިން ފަހަކަށް އައިސް ދައްކަމުންދާ މޮޅު ކުޅުމާއިއެކު އެ ކްލަބުގައި ތިބި މުހިންމު ކުޅުންތެރިން ޓީމުގައި މަޑު ކުރުވުމަށް ކޯޗު މިކޭލް އާޓެޓާ ކުރަމުންދާ މަސައްކަތުގެ ތެރެއިން ބުކަޔޯ ސަކާގެ އިތުރުން ވިލިއަމް ސަލީބާ އާއި ގެބްރިއެލް މެގަލާއެސް އާއި އީތަން އެންވަނޭރީގެ އިތުރުން މައިލްސް ލެވިސް-ސްކެލީގެ އެއްބަސްވުން އެ ކްލަބުން ވަނީ އައު ކޮށްފަ އެވެ.

2020 ވަނަ އަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ފަހުން އާސެނަލް އަށް މުބާރާތެއް ކާމިޔާބު ކުރެވިފައިނުވާއިރު އެކަމަށް ނިމުމެއް ގެނައުމަށް އެ ކްލަބަށް ވަނީ މި ސީޒަނުގައި ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑަކާއިއެކު އާސެނަލް މިވަގުތު އޮތްއިރު މި ސީޒަނުގައި ލީގު ކާމިޔާބު ކުރުން އެންމެ ކައިރި ޓީމަކީ އާސެނަލް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އާސެނަލް އާއި އެކު ސަކާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްފައިވާއިރު އޭނާ ވެފައިވަނީ އެ ކްލަބުގެ އެންމެ މުސާރަބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ.