ޚަބަރު

އެފްރިކަން ކަޕް: މޮރޮކޯއާއި ސެނެގާލް ސެމީއަށް


މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ސެމީ ފައިނަލުގެ ޖާގައެއް މުބާރާތް ބާއްވާ މޮރޮކޯ އާއި ސެނެގާލް އިން ހޯދައިފި އެވެ.

މޮރޮކޯ އިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓަރ ފައިނަލުގައި ކެމަރޫން އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރުމަށްފަހުގަ އެވެ.

މޮރޮކޯގެ ރަބާތްގައި ކުޅުނު މި މެޗުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެ ގައުމުން ހޯދާފައިވާ މި މެޗުގައި މޮރޮކޯ އިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މި މެޗުގައި މޮރޮކޯ އިން ކެމަރޫންގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 26 ވަނަ މިނިޓުގައި ބްރާހިމް ޑިއާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އޭނާ މި މެޗުގައި ޖެހި ލަނޑާއެކު ޑިއާޒް ވަނީ މި މުބާރާތުގައި އޭނާ މި ފަހަރު ކުޅުނު ފަސް މެޗުގައި ފަސް ލަނޑު ޖަހާފަ އެވެ. މިއީ މި މުބާރާތުގައި މޮރޮކޯގެ ކުޅުންތެރިއަކަށް މިހާތަނަށް ލަނޑު ޖެހިފައިވާ އަދަދެއް ނޫނެވެ.

މޮރޮކޯ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 74 ވަނަ މިނިޓުގައި އިސްމާއިލް ސައިބާރީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ސެމީ ފައިނަލުގައިވެސް ކުޅެފައިވާ މޮރޮކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު ސަރަހައްދީ މުބާރާތެއް އެންމެ ފަހުން މޮރޮކޯ އަށް ކާމިޔާބު ކުރެވިފައިވަނީ 1976 ވަނަ އަހަރު އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި މޮރޮކޯ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅިގެންދާނީ މިއަދު އަލްޖީރިއާ އާއި ނައިޖީރިއާ ބައްދަލުކުރާ މެޗަށްފަހުގަ އެވެ.

ކުއާޓަރ ފައިނަލުގައި އިއްޔެ ސެނެގާލް އާއި ދެކޮޅަށް މާލީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެނެގާލް އިން ވަނީ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. މި މެޗުގައި ސެނެގާލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 27 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިލިމަން އެންޑިއާއޭ އެވެ.