ޖަރުމަނުވިލާތުގެ މަޝްހޫރު ފުޓުބޯޅަ މަޖައްލާ، އިލެވެން ފުރެއޮންޑޭގައި ފާއިތުވި އަހަރުވެސް ރާއްޖޭގެ ފުޓުބޯޅަ ދަނޑެއްގެ ފޮޓޯ ހިމަނައިފިއެވެ.
2022 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހިތްގައިމު މާހައުލު ފެންނަގޮތަށް ނަގާފައިވާ އޭރިއަލް ފޮޓޯތައް ހިއްސާ ކުރާ އެ މެގަޒިންގަައި އެންމެ ފަހުން ހިމަނާފައިވަނީ ވިލިމާލެ ފުޓުބޯޅަ ދަނޑުގެ ފޮޓޯއެކެވެ.
އެ މެގަޒިންގައި ފާއިތުވި ހަތަރު އަހަރު ރާއްޖޭގެ ހަތަރު ދަނޑެއް ވަނީ ހިމަނާފައެވެ. އެގޮތުން 2023 ވަނަ އަހަރު އދ. މަހިބަދޫ ފުޓުބޯޅަ ދަނޑު ނުވަތަ ޕެލޭ ސްޓޭޑިއަމް ވަނީ ހިމަނާފައެވެ. 2024 ވަނަ އަހަރު ކ. ގުޅި ފުޓުބޯޅަ ދަނޑު، 2025 ވަނަ އަހަރު ލ. ހިތަދޫ ދަނޑު އަދި 2026 ވަނަ އަހަރު ވިލިމާލެ ދަނޑުގެ ފޮޓޯތައް ވަނީ ހިމަނާފައެވެ.
ޖާމަނީގެ ލީޑިން ފުޓުބޯޅަ މެގަޒިން ’އިވެލެވަން ފްރެއޮންޑޭ‘ އިން އާންމުކޮށްފައިވާ ރާއްޖޭގެ ފުޓުބޯޅަ ދަނޑުތަކުގެ ފޮޓޯތައް ނަގާފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބްރޭންޑް އެމްބެސެޑަރ އަދި ފުޓުބޯޅަ ކޮންޓެންޓް ކްރިއޭޓަރ މުހައްމަދު ނައުޝާދު (ނަޓީ) އެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ނައުޝާދު ބުނީ މިއަހަރުވެސް ޖަރުމަނުގެ އެ މެގަޒިންގައި ރާއްޖޭގެ ފުޓުބޯޅަ ދަނޑެއްގެ ފޮޓޯއެއް ހިމަނާނެ ކަމަށެވެ.
ޢެ މެގަޒިންގަައި ރާއްޖޭގެ ދަނޑުތަކުގެ ފޮޓޯތައް ޕަބްލިޝްކުރުމަށް ޝައުގުވެރިކަން ފާޅުކުރީ 2022 ވަނަ އަހަރެވެ.
”އަޅުގަނޑު ސޯޝަލް މީޑިއާގައި ހިއްސާކުރާ ދަނޑުތަކުގެ ފޮޓޯތަކަށް އެމީހުން ޝައުގުވެރިވެގެން އެދުނީ. މިއަހަރުވެސް ރާއްޖޭގެ ދަނޑެއްގެ ފޮޓޯ ފޮނުވާފަވީ. އަދި މަޝްހޫރު ތަރިން ގެނެސްގެން ރާއްޖޭގެ އެކި ރަށްރަށާއި ބައެއް ރިސޯޓުތަކުގައި ފުޓްބޯޅަ އާއި ފުޓްސަލް ހަރަކާތްތައް ހިންގުމަށް މިއަހަރުވެސް ވަނީ ރާވާފަ“ ނައުޝާދު ބުންޏެވެ.
ދުނިޔޭގެ ފުޓުބޯޅަ އާއި ފުޓްސަލް ކޮމިއުނިޓީގެ ބޮޑު ޝައުގުވެރިކަމެއް އޮންނަ ރާއްޖޭގެ ރީތި ފުޓުބޯޅަ ދަނޑުތަކާއި ރިސޯޓުތަކުގައި ހަދާފައި އޮންނަ ދަނޑުތަކުގައި ފާއިތުވި އަހަރުވެސް ގިނަ އަދަދެއް މަޝްހޫރު މީހުން މެޗުތައް ކުޅެ އެކި ކަހަލަ ޕްރޮމޯޝަނަލް ހަރަކާތްތައް ބޭއްވިއެވެ.
އެގޮތުން ޔުވެންޓަސް އަށް ކުޅުނު މަޝްހޫރު މިޑްފީލްޑަރު އެޑްގާ ޑާވިޑްސް އެ ޓީމުގެ 127 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އދ. މަހިބަދޫއަށް ޒިޔާރަތްކޮށް އެރަށު ދަނޑުގައި ދިވެހިންނާއެކު ހާއްސަ މެޗެއް ކުޅުނެވެ.
މަޝްހޫރު ފްރީސްޓައިލަރުން ގެނެސް ދިވެހިންނާއި ކުޑަކުދިންނާއެކު ވަގުތު ހޭދަކޮށް ފުޓުބޯޅަ އާއި ފުޓްސަލް މެޗުތައް ކުޅުމާއި އެކި ކަހަލަ ހުނަރުތައް ދައްކާލުން ފަދަ ހަރަކާތްތައް ފާއިތުވި އަހަރުވެސް ރާއްޖޭގައި ހިންގާފައިވެއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ފުންނާބު އުސް ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ވަރަށް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެކެވެ.