ޚަބަރު

ސަލާމަތީ ކަންކަމަށް ދޭ ސަމާލުކަން އިތުރުވެއްޖެ


ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި ހުންނަ ގޮތުން، އަތޮޅުތަކާއި މާލެއާ ދެމެދު ކުރެވޭ ދަތުރުތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެކަމުގެ އެއް ސަބަބަކީ، އަތޮޅުތަކުގެ ގިނަ ޢާއިލާތައް މާލޭގައި ދިރިއުޅެންޖެހިފައިވުމުން، ލިބޭ ޗުއްޓީތަކުގައި އެފަދަ މީހުން އެމީހެއްގެ ރަށަށް ދަތުރުކުރުން އިތުރުވުމެވެ. އަނެއް ކަމަކީ މާލޭގައި ތޮއްޖެހުން ބޮޑުކަމާއެކު ރާއްޖޭގެ ޤުދުރަތީ ރީތިކަން ފެންނަ އަތޮޅުތަކުގެ ރަށްރަށަށް އެ ރަށްރަށުގެ މީހުންނާއި މާލޭގެ ރަށްވެހިންވެސް ޒިޔާރަތްކުރުމަށް ހުންނަ ޝައުޤު އިތުރުވުމެވެ. މީގެ އިތުރަށް މީހުންގެ އަތޮޅުތަކާއި މާލެއާ ދެމެދު ކުރެވޭ ވައިގެ ދަތުރުފަތުރުގެ އިތުރަށް ކަނދުގެ އުޅަނދުފަހަރުގެ ދަތުރުތައްވެސް އަވަސްވެފައި އުޅަނދުފަހަރުގެ ފަސޭހަކަން އިތުރުވުމާއި މިފަދަ ދަތުރުތަކަށް ޚަރަދުކުރުމުގެ ތަނަވަސްކަންވެސް ގިނަ މީހުންނަށް ލިބިފައިވުމާއި ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތްތައް އިތުރުވުމަކީވެސް މިފަދަ ދަތުރުފަތުރު އިތުރުވެފައިވާ ސަބަބުތަކެވެ. އެކި މުނާސަބަތުތަކާއި ސްކޫލް ބަންދުތަކުގައި އަތޮޅުތަކާއި މާލެއާ ދެމެދު ކުރާ ދަތުރުތައް ފަހަކަށް އައިސް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާރޑުން ފާހަގަކުރައްވާ ގޮތުގައި ދަތުރުފަތުރު އިތުރުވެފައިވާ ނިސްބަތަށް ބަލާއިރު ޢާންމު ދުވަސްވަރުވެސް އަދި މޫސުން ގޯސް ދުވަސްވަރުވެސް ކަނޑުމަތީގެ ޙާދިސާތައް ހިނގުން ފަހަކަށް އައިސް ނިސްބަތުން މަދެވެ. މިކަމުގެ އެންމެ މައިގަނޑު އެއްސަބަބަކީ ކަނޑުދަތުރުފަތުރުގައި މީހުންނާއި މުދަލާއި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވާޢިދުތަކާއި އެކަށައެޅިފައިވާ މިންގަނޑުތަކަށް ސަމާލުކުރުވުމަށް ކަމާބެހޭ މުއައްސަސަސާތަކުން ބާރުއެޅުއްވުން އިތުރުވުމާއި އުޅަނދުފަހަރުގެ ވެރިންނާއި އުޅަނދުފަހަރު ދުއްވާ މީހުންދޭ ސަމާލުކަން އިތުރުވުމެވެ. ދިވެހިންގެ ޢާންމު ހޭލުންތެރިކަން އިތުރުވުން. އަނެއް ކަމަކީ މޫސުން ގޯސްވާ ޙާލަތުތަކުގައި މޫސުމާބެހޭ ޤައުމީ އިދާރާއާއި ކޯސްޓްގާރޑާއި ނޭޝަން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ފަދަ އިދާރާތަކުން ކުރައްވާ އިލްތިމާސްތަކާއި ދެއްވާ ލަފައަށް ދަތުރުވެރިން ސަމާލުކަންދީ ބަރޯސާވާ މިންވަރު އިތުރުވުމެވެ.

img:http://s4.psmnews.mv/images/660x400/14733176532773.jpg|އެމްއެންޑީއެފުން ކަނޑު އުޅަނދެއް ޗެކްކުރުމުގައި ހަރަކާތްތެރިވަނީ

ކޯސްޓަގާރޑުން ހާމަކުރައްވާ ގޮތުގައި އަޟްހާ ޢީދުގެ ޗުއްޓީއާ ދިމާކޮށް އެކި ރަށްރަށަށް ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގެ ގޮތުން ހިންގަވާ އޮޕަރޭޝަންގައި މިހާތަނަށް 30 އުޅަނދުގެ ސަލާމަތީ ކަންކަން ހުރިގޮތް ވަނީ ބައްލަވާފައެވެ.

މިދިޔަ އާދީއްތަ ދުވަހު ފެއްޓެވި މި އޮޕަރޭޝަނުގައި މިހާތަނަށް މާލެ ހިމެނޭ ސަރަޙައްދުން 13 އުޅަނދެއް ޗެކް ކުރައްވާފައިވާއިރު، މި އުޅަނދުތަކުގެ ތެރެއިން، މައްސަލަ ހުރެގެން އިޞްލާޙްކުރުމަށް އަންގަވާފައިވަނީ އެންމެ އުޅަނަދަކަށް ކަމަށް ކޯސްޓްގާރޑުން ވިދާޅުވެއެވެ. އަދި މި އޮޕަރޭޝަނުގައި މާލޭ އޭރިޔާގެ އިތުރަށް ސަދަން އޭރިއާއިން މިހާތަނަށް 11 އުޅަނދު ޗެކްކުރެއްވިއިރު އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޢީދު ބަންދުގެ ނިޔަލަށް ކުރިއަށްގެންދަވާ މި އޮޕަރޭޝަނުގައި، އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑް އިން ބަލަމުން ގެންދަވާ. އޭގެތެރޭގައި މެރިން ވީއެޗްއެފް ޗެކްކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ހިމެނެއެވެ.

މި މި އޮޕަރޭޝަން، އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް މާލޭ އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ޤާއިމުކުރެވިފައިވާ ކޯސްޓްގާޑް ސްކޮޑްރަންތަކުން އޭރިއާގެ ރަށްތަކުގައިވެސް ކުރިއަށް ގެންދާނެކަމަށް އެންއެންޑީއެފުން ހާމަކުރައްވައެވެ.