ޚަބަރު

ޝަމާޙުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް


  • ޝަމާހު ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރީ އާދިއްތަ ދުވަހު

  • ޝަމާޙު މިފްކޯގައި ހުރި އިރު ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރާ މައްސަލަތަކެއްވެސް އޭސީސީއަށް ވަނީ ހުށަހަޅާފައި

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އިއްޔެ ވަކިކުރި އަޙްމަދު ޝަމާޙް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފިއެވެ.

ޝަމާޙްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު، އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަން އެކޮމިޝަނުން ވަނީ ޔަޤީންކޮށްދެއްވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކޮށްފައިވާ މީހެއްގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދިން ނަމަވެސް އެކަމާ ގުޅޭ އެކަމުގެ ތަފްޞީލް ހާމަކޮށްފައި ނުވެއެވެ.

ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރެއްގެ މައްޗަށް ކޮރަޕްޝަން މައްސަލައެއް ތުހުމަތުކޮށް އޭސީސީއަށް ހުށަހަޅާފައިވާއިރު، އެކުންފުނީގެ އެމްޑީ ކަމުގައި ހުންނެވި އަޙްމަދު ޝަމާޙް ރަޝީދު ކުންފުނީގެ ބޯޑު މެންބަރު ކަމުންނާއި މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކޮށްފައިވާކަމަށް ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑުން އިއްޔެެ ވަނީ ވިދާޅުވެފައެވެ.

މަޤާމަށް އައްޔަން ކުރިތާ 4 މަސް ފަހުން ޝަމާހު މަޤާމުން ވަކިކޮށްފައިވާއިރު އޭނާގެ އޯޑިއޯއެއް ކަމަށް ތުހުމަތު ކުރެވޭ އޯޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި އޯޑިއޯގައި ދެމީހެއްގެ އަޑު އިވޭއިރު، އެކަކީ ޝަމާހް ކަމަށް ތުހުމަތުކުރެއެވެ. އެ އޯޑިއޯގައި ހާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުންދާ ކަމުގެ ވާހަކަތަކެއް ދައްކާ އަޑުއިވެެވެ. ޝަމާހް ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޯޑިއޯ އަކީ އަސްލެއް ނޫން ކަމަށް ބުނެފައެވެ.

ޝަމާޙް މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް މީސްމީޑިއާގައި އަމާޒުވެފައިވާއިރު، މީގެ ކުރިން މިފްކޯގެ ސީއީއޯ ކަމުގެ މަޤާމު އަދާކުރަމުން ދަނިކޮށް، އޭރު ފެންމަތިވި ބައެއް މައްސަލަތަކާއި ގުޅިގެން މަޤާމުގެ މަސްއޫލިއްޔަތަކުން އޭނާ ދުރުކޮށްފައިވެއެވެ. އޭގެ ފަހުން އޭނާ ވަނީ އެ މަޤާމުން ވަކިކޮށްފައެވެ. ޝަމާޙު މިފްކޯގައި ހުރި އިރު ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރާ މައްސަލަތަކެއްވެސް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ.

ޝަމާހް މަޤާމުން ވަކިކުރުމާއެކު ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ވަނީ ހަވާލުކޮށްފައެވެ.