ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ކުޅުނު ފުރަތަމަ މެޗުގައި، އިންޑިއާއިން ދިވެހިރާއްޖޭގެ މައްޗަށް ފަރަގުބޮޑު ނަތީޖާއަކުން ކުރިހޯދައިފިއެވެ.
ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރި ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އިންޑިއާއިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 1-11 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ރާއްޖެ ޓީމުން ފުރަތަމަ ކުޅެން އެރީ ކީޕަރު ސާއިޤާ ޙުސެއިން އާއި ކެޕްޓަމް ފާތިމަތު ޝާލިޔާގެ އިތުރުން މަރިޔަމް ރިފާ އަދި އައިމިނަތު ފަޒްލާ އަދި މަރިޔަމް ނޫރާއެވެ.
އިންޑިއާއިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ފަސް ލަނޑު ޖަހާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މިތީލާ ރަމާނީއާއި ރިތިކާ ސިންގްގެ އިތުރުން، ޚުޝްބޫ ޝަރޯޖާއި ސޮނާލީ މޮންޑާލްއެވެ. ތިރިކާ ވަނީ މި ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފަހު ތިން ލަނޑު އިންޑިއާއިން ޖަހާފައިވަނީ ގާތްގަނޑަކަށް މިނެޓެއްހާއިރުގެ ތެރޭގައެވެ.
ފަސް ލަނޑުގެ ލީޑެއްގައި އޮވެ އިންޑިއާއިން ދެވަނަ ހާފު ފެށިއިރު ރާއްޖެއިން ދެވަނަ ހާފަށް ނުކުތްއިރު، ދެވަނަ ހާފު ފަށައިގެން ވެސް މާ ގިނައިރުތަކެއް ނުވެ އިންޑިއާއިން ވަނީ ލަނޑު ޖަހާފައެވެ. މިހާފުގައި އިންޑިއާގެ ލަނޑުތައް ޖަހައިދިނީ ފުތަމަ ހާފުގައި ވެސް ލަނޑު ޖެހި ޚުޝްބޫއާއި ނިޝްކާ ޕްރަކާޝް ގެ އިތުރުން ފުރަތަމަ ހާފުގައި ވެސް ލަނޑު ޖެހިސޮނާލީ މޮންޑާލްއެވެ.
މި މެޗުގައި ޖުމްލަ ހަތަރު ލަނޑު ޖެހި ޚުޝްބޫ އަކީ އިންޑިއާގެ ޒުވާން ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ މުހިންމު ކުޅުންތެރިއެކެވެ.
މެޗުގައި ރަތް ކާޑެއް ވެސް ފެނިގެންދިޔައެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ލަނޑުޖަހަން ލިބުނު ހުސް ފުރުސަތެއްގައި ކުރި ފައުލަކާ ގުޅިގެން ރެފްރީ ރަތްކާޑު ދެއްކީ އިންޑިއާގެ ޑިޓީ ކަނުންގޯއަށެވެ.
މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާއެވެ.
މި މެޗުން ރާއްޖެ އިންޑިއާ އަތުން ބަލިވެފައިވާއިރު، މިއީ ފުޓްސަލްގައި ބައިނަލްއަގްވާމީ މައިދާނުގައި ޤައުމީ އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއާ ޚިލާފަށް އިންޑިއާ އަކީ މިދިޔަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅުނު ޤައުމެކެވެ. އަދި މިފަހަރުގެ މުބާރާތަށް އެކުލަވާލި ސްކޮޑުގައި ވެސް، އެ ފަހަރު ކޮލިފައިންގައި ކުޅުނު ހަތް ކުޅުންތެރިއަކު ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން، ވަސީލަތުގެ ގޮތުން ބަލާއިރު އިންޑިއާ އަކީ ފުޓްސަލްގެ އިންޑޯ ޕިޗަށް އަހުލުވެރި ޤައުމެކެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ވެސް އިންޑޯ ޕިޗެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ މުބާރާތަށް ތައިލެންޑަށް ގޮހެވެ.
މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވިއިރު، ރާއްޖެއިން ދެވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ތިންވަނަ މެޗުގައި ރާއްޖެއިން ބޫޓާނާ ދެކޮޅަށް 21 ވަނަ ދުވަހު ނުކުންނައިރު 24 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ނުކުންނާނެއެވެ. އަދި ފަހު މެޗުގައި ރާއްޖެއިން 25 ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
މުބާރާތުގައި މިއަދު އިތުރު ދެ މެޗު ކުޅޭނެއެވެ. އެގޮތުން 15:00 ގައި ޕާކިސްތާނުން ބޫޓާނާ ދެކޮޅަށް ނުކުންނައިރު 18:00 ގައި ލަންކާއިން ނޭޕާލާ ދެކޮޅަށް ނުކުންނާނެއެވެ.
މުބާރާތުގެ ހުރިހާ މެޗެއް، ޕީއެސްއެމްގެ ޔެސް ޓީވީއިން ވަގުތުން ގެނެސްދޭނެއެވެ.