އިނގިރޭސި ކަރަބާއޯ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ސިޓީން ކާމިޔާބުކޮށްފި އެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ފަންސާސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މި މެޗުގައި މެންޗެސްޓަރ ސިޓީ އިން ކުރި ހޯދާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 8 ވަނަ މިނިޓުގައި އެންޓޮއިން ސެމެންޔޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ސެމެންޔޯ ޖެހި މި ލަނޑާއެކު އޭނާ ވެފައިވަނީ 2009 ވަނަ އަހަރަށްފަހު ސިޓީ އަށް ބަދަލުވުމަށްފަހު ޖެހިޖެހިގެން ދެ މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ އެމަނުއެލް އަޑެބަޔޯ އަތުގަ އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބޯންމަތު އިން 65 މިލިއަން ޕައުންޑުގެ ފީއަކަށް ސެމެންޔޯ މެންޗެސްޓަރ ސިޓީ އާއި ގުޅިފައިވާއިރު އޭނާ ވަނީ މި މުބާރާތުގައި މި ސީޒަނުގައި ބޯންމަތަށްވެސް ކުޅެފަ އެވެ.
ނަމަވެސް މުބާރާތުގެ ގަވާއިދަށް ގެނެވިފައިވާ ބަދަލަކާއިއެކު ސެމެންޔޯ އަށް މި މެޗުގައި ކުޅެވުނު ނަމަވެސް އެ ކަމާއި ދެކޮޅަށް ނިއުކާސަލްގެ ކޯޗު އެޑީ ހޯވޭ ވަނީ ވާހަކަ ދައްކާފަ އެވެ.
މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގައި ރަޔާން ޗަރކީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ސިޓީ އަށް މި ފުރަތަމަ ލެގުން ލިބުނު މޮޅާއިއެކު އަންނަ މަހުގެ 14 ވަނަ ދުވަހު ކުޅޭ ދެވަނަ ލެގު އެއްވަރު ކޮށްގެންވެސް ކަރަބާއޯ ކަޕްގެ ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ސިޓީ އަށް ވަނީ ލިބިފަ އެވެ. މި މުބާރާތުގައި ފައިނަލުގައި އެންމެ ފަހުން ސިޓީ ކުޅެފައިވަނީ 2021 ވަނަ އަހަރު އެވެ.