މިދިޔަ އަހަރު ސަރުކާރުން 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް މަތީ ތަޢުލީމާއި ތަމްރީނާއި، ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ނިމުނު 2025 ވަނަ އަހަރު، ސަރުކާރުން ވަނީ ސްކޮލަރޝިޕުގެ ފުރުޞަތުތަކަށް 222 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. ޖުމުލަ 205 ދަރިވަރުންނަށް މުޅިން އަލަށް މިދިޔަ އަހަރު ސްކޮލަރޝިޕް ފުރުޞަތު ފަހިކޮށްދީފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 120 އަންހެން ދަރިވަރުންނާއި 85 ފިރިހެން ދަރިވަރުންނެވެ.
މިދިޔަ 2 އަހަރުގެ ތެރޭގައި 471 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޮލަރޝިޕް ފުރުޞަތުތަކަށް ޚަރަދުކޮށްފައިވެއެވެ. މި ދެ އަހަރު ޖުމުލަ 411 ދަރިވަރުންނަށް ވަނީ، ސްކޮލަރޝިޕް ފުރުޞަތު ދީފައެވެ. އެއީ، 262 އަންހެން އަދި 149 ފިރިހެން ދަރިވަރުންނެވެ.
ސްކޮލަރޝިޕް ފުރުޞަތުތައް ފުރިހަމަކޮށްފައިވާ އަދަދަށް ބަލާއިރު، މިދިޔަ އަހަރު 180 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މިދިޔަ 2 އަހަރު ޖުމުލަ 441 ދަރިވަރުން ދަސްވެނިވެފައިވެއެވެ.
މިވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 20 ޤައުމެއްގައި ދަރިވަރުން އަންނަނީ، ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް ކިޔަވަމުންނެވެ. އެއީ، ޖުމުލަ 602 ދަރިވަރުންނެވެ. މީގެތެރޭގައި ހިމެނެނީ، 388 އަންހެން ދަރިވަރުންނާއި 214 ފިރިހެން ދަރިވަރުންނެވެ.
މި ވުޒާރާގެ ތަފާސް ހިސާބުތައް 2024 - 2025
— Min. of Higher Edu, Labour and Skills Development (@MoHEmv) January 12, 2026
ސްކޮލަރޝިޕް#HigherEducation pic.twitter.com/eCFEGHMru8
ސްކޮލަރޝިޕް ފުރުޞަތުތަކަކީ، ހުރިޚާ ޚަރަދެއް ސްކޮލަރޝިޕުގެ ދަށުން ދޭ ފުރުޞަތުތަކެކެވެ. މި ފުރުޞަތުތަކުގެ ތެރޭގައި ސަރުކާރުން ދޭ ސްކޮލަރޝިޕް ފުރުޞަތުގެ އިތުރުން، ދިވެހިރާއްޖެއާއި ޤައުމުތަކާއި އޮންނަ ގުޅުމުގެ ދަށުންވެސް ރާއްޖެއަށް މިފަދަ ގިނަ ފުރުޞަތުތަކެއް ކޮންމެ އަހަރަކުވެސް އަންނަނީ ލިބެމުންނެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ، ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކަ އިއާދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ތަރިކަ ދިރާސާ ކުރުމުގެ ދާއިރާއިން "ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް" ތަޢާރަފުކޮށް، އެ ސްކޮލަރޝިޕް ފުރުޞަތުވެސް 40 ފަރާތަކަށް ދީފައެވެ.