ޚަބަރު

ޒަކާތު ކައުންސިލުގެ މަސައްކަތް ފަށައިފި


  • ކައުންސިލް އެކުލެވިގެން ވަނީ 9 މެމްބަރުންގެ މައްޗަށް

  • ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައި

މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ޢަމަލުކުރަންފެށި ޒަކާތުގެ ޤާނޫނުގެ ދަށުން ޒަކާތު ކައުންސިލެއް އެކުލަވާލައި، އެ ކައުންސިލްގެ މަސައްކަތްތައް ފަށައިފިއެވެ.

އެކައުންސިލްގެ އެންމެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިއަދުއެވެ.

ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ މުހިންމު މުއައްސަސާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް 9 މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ ކައުންސިލެކެވެ. މީގެތެރޭގައި ހިމެނެނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ މަންދޫބުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ޒަކާތާބެހޭ މާހިރުންނެވެ.

މި ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ މޯލްޑިވްސް ޒަކާތު ހައުސްއަށް ބޭނުންވާ އިސްތިރާޖީ ލަފަޔާއި އިރުޝާދު ދިނުމެވެ. މީގެ އިތުރުން، އިދާރީ ހިންގުމާއި، ސިޔާސަތުތައް ކަނޑައެޅުމާއި، ޤައުމީ ޒަކާތުގެ ނިޒާމު ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ ކަންކަމުގައި އިސްވެ ހަރަކާތްތެރިވުމަކީވެސް ކައުންސިލުގެ މަސްއޫލިއްޔަތެއް ކަމަށް ޒަކާތު ހައުސްއިން ވިދާޅުވެެއެވެ.

ޒަކާތު ކައުންސިލް އުފެދި، މޯލްޑިވްސް ޒަކާތު ހައުސް ހިންގުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ފުރަތަމަ ބައްދަލުވުން މިއަދު މިވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލުގެ ރައީސް އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ޒަކާތާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކަމަށެވެ. އަދި ޒަކާތު ހައުސްގެ މަސައްކަތްތައް ނަތީޖާ ނެރެވޭނެ، ދެފުށް ފެންނަ، އަދި ނިޒާމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިދާރީ ގޮތުންނާއި ހިންގުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިގެންދިޔަ ކަަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.

ޒަކާތު ކައުންސިލް އުފެދި، މޯލްޑިވްސް ޒަކާތު ހައުސް ހިންގުމާ ގުޅޭ މަޝްވަރާތައް ފެށުމަކީ، ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތާބެހޭ ޤާނޫނު ފައިދާހުރި ގޮތެއްގައި ތަންފީޛުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން ވިދާޅުވެެއެވެ.

ޒަކާތުގެ ފުރަތަމަ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ، ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެންބަރު 6 ވަނަ ދުވަހުއެވެ. އަދި މި ފެށުނު އާ އަހަރާއެކު، މި ޤާނޫނަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.

ޒަކާތުގެ ޤާާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކޮށްފައިވާ މަޤުޞަދުތައް ޙާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ.

މީގެ އިތުރުން، ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤުޞަދެކެވެ.