ޚަބަރު

ލޯފަން މީހުން ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި


  • ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހާއި ހަަމައަށް ރަޖިސްޓްރީވެވޭނެ

  • 1414 އަށް ގުޅައިގެން ރަޖިސްޓްރީކުރެވޭނެ

މިއަހަރުގެ އެޕްރީލްމަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ ފުރުޞަތު ދިނުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރަޖިސްޓަރީވުމުގެ ފުރުޞަތު އަންނަ މަހުގެ 23 ވާ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 23ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން 1414 އަށް ގުޅައިގެން ރަޖިސްޓަރީކުރަން ޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓަރީ ކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު ނަމަ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އާ ހަމައަށް މި ޚިދުމަތް ލިބޭނެއެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުކަރުދާހުގައި ފާހަގަ ޖެހުމުގެ ފުރުޞަތު ދިނުމަށް ޚާއްސަ ޓެމްޕްލޭޓެއް ތައްޔާރުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. މި އިންތިޒާމުގެ ދަށުން އެންމެ ފުރަތަމަ ވޯޓުލުމުގެ ފުރުޞަތު ދީފައިވަނީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައެވެ.

މީގެ ކުރިން ބޭއްވުނު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް މި ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން، މާލެއާއި އަތޮޅުތެރޭގައި މިކަމާގުޅޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންގޮސް، ޓެމްޕްލޭޓް ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައްވެސް ވަނީ ފޯރުކޮށްދީފައެވެ.

މި އިންތިޒާމަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށާއި، މިނިވަންކަމާއެކު އަމިއްލައަށް ވޯޓުލުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.