ކުޅިވަރު

މިޞްރަށްވުރެ ފައިނަލް ކުޅުން ޙައްޤު ބަޔަކީ ސެނެގާލް: މާނޭ


އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ސެނެގާލް ދަތުރު ކުރީ އެ ގައުމުން މެޗުގެ ފުރިހަމަ ވަގުތުގައި ކުރި ހިތްވަރުން ކަމަށާއި މިސުރަށްވުރެ ހުރިހާ ގޮތަކުން ވެސް ސެނަގާލް ފައިނަލް ކުޅެން ޖެހޭ ކަމަށް ފޯވަޑް ސާދިއޯ މާނޭ ބުނެފި އެވެ.

ސެމީ ފައިނަލުގައި ސެނެގާލް މޮޅުކޮށްދިން ލަނޑު ވެސް ސައޫދީ އަރަބިއއާގެ އައްނަސްރަށް ކުޅޭ މާނޭ އެވެ.

"އަހަރުމެން މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ފަހު މިނިޓާ ހަމައަށް އެއް ފެންވަރެއްގައި ވާދަކުރިން. އެންމެ ތަންކޮޅެއް ވެސް ދޫނުކުރަން. އެހެންވީމާ އަހަރުމެން ފައިނަލް ކުޅުން ހައްގު. ހުރިހާ ގޮތަކުން ބަލިޔަސް އެކަން އޮތީ އެ ގޮތަށް. މުޅި މުބާރާތުގައި ވެސް އަހަރުމެން ކުރި މަސައްކަތް ފެންނާނެ،" މާނޭ ބުންޏެވެ.

އޭނާ ފައިނަލަށް ދަތުރު ކުރުމަކީ ގާތް އެކުވެރިޔާ މިސުރުގެ މުހައްމަދު ސަލާހް މި މުބާރާތް ކާމިޔާބު ކުރަން ދެކެމުން އައި ހުވަފެން އަނެއްކާ ވެސް ވިއްސި ވިހާލިވުމެވެ. ސަލާހް މިހާތަނަށް ފަސް މުބާރާތެއްގައި މަސައްކަތް ކޮށްގެން ވެސް މި ތަށި ލިބިފައިނުވެ އެވެ. މާނޭ އާއި ސަލާހަކީ ލިވަޕޫލުގައި ގިނަ ކާމިޔާބީތަކެއް ހޯދި ދެ ފޯވަޑުންނެވެ.

މެޗަށް ފަހު ސެނަގާލް އާއި މޮރޮކޯގެ ކޯޗުން ވެސް ވަނީ އެއް ޓީމު އަނެއް ޓީމަށް ތައުރީފް ކޮށްފަ އެވެ.

މިސުރުގެ ކޯޗު ހޮސާމް ހަސަން ބުނީ ކުޅުންތެރިން ކުރި މަސައްކަތާމެދު ފަހުރވެރިވާ ކަމަށެވެ.

"އަހަރެން ކުޅުންތެރިން ގާތުގައި މި ވާހަކަ ބުނިން. އެމީހުން ވަނީ އިހްލާސްތެރިކަމާއެކު މިސުރުގެ ދިދަ އާއި މިސުރުގެ ރައްޔިތުން ތަމްސީލު ކޮށްދީފައި. ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައި. ސެނަގާލް މި މެޗުގައި ވަރަށް މޮޅަށް ކުޅުނު. އެމީހުންނާމެދު މި މެޗުގައި ބުނާނެ ދެރަ ބަހެއް ނެތް. އެހާ ވެސް މޮޅަށް އެ މީހުން ކުޅުނު،" ކޯޗު ބުންޏެވެ.

ސެނަގާލްގެ ކޯޗު ޕާޕޭ ތިއޯ ބުނީ މިސުރު ބަލިކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި ފައިނަލަށް ދިއުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.

"ކުޅުންތެރިން ވަރަށް މަސައްކަތް ކުރި. މިހާރު ދެން މި އޮތީ ފައިނަލަށް ތައްޔާރުވާން ޖެހިފައި. އަހަރެންގެ ކުޅުންތެރިން ކުރި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެމީހުން ކަށިން ހިތްވަރުކުރި. ފައިނަލް މެޗު އަދި މާ އުނދަގޫވާނެ،" ކޯޗު ބުންޏެވެ.

މުބާރާތުގެ ފައިނަލުގައި ސެނަގާލް ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު މޮރޮކޯއާ އެވެ.