އެކްސަސައިޒު ދޯސްތީގައި ބައިވެރިވާ އިންޑިއާ އަދި ލަންކާގެ ކޯސްޓްގާޑު މަނަވަރުތައް ރާއްޖެ އަތުވެއްޖެއެވެ.
އެކްސަސައިޒު ދޯސްތީއަކީ އިންޑިއާ، ދިވެހިރާއްޖޭ އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ކޮންމެ 2 އަހަރުން އެއް އަހަރަކު ކުރިއަށް ގެންދާ އެކްސައިޒެކެވެ. މީގެ 35 އަހަރު ކުރިން އެކްސައިސައިޒު ފެށީ އިންޑިއާ އަދި ރާއްޖޭގެ ކޯސްޓްގާޑާ އެކުގައެވެ. ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން މިއެކްސަސައިޒުގައި ސްރީލަންކާއިން ދަނީ ބައިވެރިވަމުންނެވެ. މި އެކްސަސައިޒް ކުރިއަށްދާނީ، މިމަހުގެ 17 އިން 19 އަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ.
މި އެކްސަސައިޒުގައި ބައިވެރިވުމަށް، އިންޑިއާ ކޯސްޓްގާޑުގެ 3 މަނަވަރު ކަމުގައިވާ އައިސީޖީ ޑޯނިއަރ، އައިސީޖީއެސް އަތުލްޔާ އަދި އައިސީޖީއެސް ވަޖްރާ މިހާރުވަނީ ރާއްޖެއަށް އައިސްފައެވެ. އަދި ލަންކާ ކޯސްޓުގާޑުގެ މަނަވަރު އެސްއެލްއެންއެސް ސުރަނިމިލާވެސް ރާއްޖެ އައިސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މިއެކްސަސައިޒުގައި ބައިވެރިވުމަށް، ލަންކާއާއި އިންޑިއާ ކޯސްޓްގާޑުގެ އިސްފަރާތްތައްވެސް ވަނީ ރާއްޖެ އަންނަން ފަށާފައެވެ. ސްރީލަންކާ ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލް އާރްއޭޑީއެމް ރޯހަން ޖޯސެފް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.
މިއަހަރުވެސް މި އެކްސައިސައިޒުގެ ތެރެއިން ސާޗު އެންޑް ރެސްކިއު ޑްރިލްތަކާއި، މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް އަދި މެރިޓައިމް ސެކިއުރިޓީއާއި ގުޅުންހުރި ޑްރިލްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވިއެވެ. މިއީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޑްރިލްތަކެއް ކުރިއަށް ގެންދާ އެކްސަސައިޒެއް ނަމަވެސް، މި އެކްސެސައިޒް ކުރިއަށްދާއިރު އެ ސަރަޙައްދުތަކުން ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ ޢިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މި ހަރަކާތުގެ ސަބަބުން ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. އަދި ޚާއްޞަކޮށް އެއް ޤައުމަކަށް މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދަތިތައް ހުންނާނެ ކަމަށާއި އެހެންކަމުން ޤައުމުތައް ގުޅިގެން ކުރާ މަސައްކަތުން ފުރިހަމަ ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.
މި އެކްސަސައިޒުގައި ޢަމަލީ ގޮތުން ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ބައިވެރިވާއިރު، އެހެން ބައެއް ޤައުމުތަކުން އެކްސަސައިޒު އޮބްޒާވް ކުރަން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.