ކްރިސްޓަލް ޕެލަސްގެ ކެޕްޓަން އަދި ޑިފެންޑަރު މާކް ގުއޭއީ މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި އެވެ.
އިނގިރޭސި ޑިފެންޑަރަކީ މި ސީޒަން ފެށިއިރު ލިވަޕޫލަށް ސޮއި ކުރަން ހުރިހާ ކަމެއް ނިމިފައި ހުރި ކުޅުންތެރިއެކެވެ. އޭނާ ލިވަޕޫލްގެ މެޑިކަލް ވެސް ފުރިހަމަކުރި ފަހުން ޕްލަސްއިން އެކަމަށް ނޫނެކޭ ބުނީ އޭނާގެ ބަދަލުގައި ފަހަތަށް ކުޅޭނެ ކުޅުންތެރިއަކު އެ ކުލަބަށް ނުހޯދުމުންނެވެ. އޭރު ލިވަޕޫލުން އޮތީ އައިވަރީ ކޯސްޓަށް އުފަން އެކަމަކު މިހާރު އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރާއެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ނިންމާފަ އެވެ.
ސިޓީން ކުއްލި ގޮތަކަށް އޭނާގެ ސޮއި ހޯދީ އެ ޓީމުގެ މުހިންމު ތިން ޑިފެންޑަރަކަށް އަނިޔާވެ ކުޅުމާ ދުރުގައި ތިބެން ޖެހުމުން ފަހަތުން ދިޔަވަމުންދިޔަ ބައި ފޫ ބެއްދުމަށެވެ. އެ ތިން ޑިފެންޑަރަކުންނަކީ ރުބެން ޑިއާސް އާއި ޖޯން ސްޓޯންސް އަދި ޖަސްކޯ ގަވަޑިއޯލް އެވެ.
ކްރިސްޓަލް ޕެލަސްއާ އެކު ސިޓީން އެއްބަސްވީ ކުޅުންތެރިޔާގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި 20 މިލިއަން ޕައުންޑެވެ. އަދި މުސާރައިގެ ގޮތުގައި ކުޅުންތެރިޔާ އަށް ހަފުތާއަކު ތިން ލައްކަ ޕައުންޑް ދޭން ވަނީ ނިންމާފަ އެވެ. މިއީ ސިޓީގެ ފޯވަޑް އާލިން ހާލަންޑަށް ފަހު އެ ކުލަބުން ކުޅުންތެރިއަކށް ދޭ އެންމެ ބޮޑު މުސާރަ އެވެ. ގުއޭއީ ކްރިސްޓަލް ޕެލަސް އަށް ކުޅުނީ ހަފުތާއަކު ބައިލައްކަ ޕައުންޑަށެވެ.