މުސާރަ ކުޑަކުރަން އެއްބަސްވެ، ބާސެލޯނާގެ ޖަރުމަނު ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އެންމެ ފަހުން ވަގުތީ ގޮތުން ކުލަބު ދޫކޮށްލަން އެއްބަސްވެއްޖެ އެވެ.
އުމުރުން 34 އަހަރުގެ ކީޕަރު ބަދަލުވާނީ ސްޕޭނުގެ ޖިރޯނާ އަށެވެ. އޭނާ އެ ކުލަބާ ގުޅޭނީ މި ސީޒަނުގެ ނިޔަލަށެވެ. ޓާސްޓެގަން ބާސެލޯނާ ދޫކޮށްލަން މަޖުބޫރުވީ ދެ ސަބަބަކާ ހުރެ އެވެ. އެއީ ބާސެލޯނާއިން އޭނާ ބޭނުން ނުވުމާއި ކުރިއަށް އޮތް ވޯލްޑް ކަޕުގައި ޖަރުމަނުގެ ގައުމީ ޓީމުން ޖާގަ ލިބެން އޮތީ ގަވާއިދުން ކުޅެގެން ކަމަށްވާތީ އެވެ. އެ ފުރުސަތު ބާސެލޯނާގައި ނެތެވެ. 10 އަހަރު ވަންދެން އެއްވަނަ ކީޕަރުކަން ކުރި ޓާސްޓެގަން އަށް ގާތްގާތުގައި އަނިޔާވެ މިހާރު އޭނާ އަކީ ކުލަބުގެ ތިން ވަނަ ކީޕަރެވެ.
ވޯލްޑް ކަޕަށްޓަކައި ކުލަބު ބަދަލު ކުރާއިރު ޓާސްޓެގަން މުސާރަ ކުޑަކުރީ ކިހާ ވަރަކަށް ކަމެއް ނުބުނެ އެވެ. ނަމަވެސް އޭނާގެ މުސާރައިގެ 90 ޕަސެންޓް ދޭނީ ބާސެލޯނާއިންނެވެ. އަނެއް 10 ޕަސެންޓް ދޭނީ ޖިރޯނާއިންނެވެ. ކުރިން ބާސެލޯނާއިން ހުށަހެޅި ޖިރޯނާއިން 20 ޕަސެންޓް ދިނުމަށެވެ. އެ ކުލަބުން މި ގޮތަށް އެއްބަސްނުވުމުން ބާސެލޯނާއިން އެދުނީ ޓާސްޓެގަން މުސާރަ ކުޑަކުރުމަށެވެ. އޭނާ މިކަމަށް އެއްބަސްވީ ފުރަތަމަ އެ ކަމަށް އިންކާރު ކުރުމަށްފަހު އެވެ.
ޓާސްޓެގަން އަނިޔާގެ ސަބަބުން ނުކުޅެ ހުންނަތާ މިހާރު ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިހެންވެ ޖަރުމަނުގެ ގައުމީ ކީޕަރުގެ މަގާމު ގެއްލުމުގެ ބިރު އޮތްއިރު ބާސެލޯނާއިން ބޭނުންވަނީ އޭނާ އެހެން ކުލަބަކަށް ދާއިމީ ކޮށް ބަދަލުވާށެވެ. ނަމަވެސް މިކަމުގައި ޓާސްޓެގަން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.