އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ޔުނައިޓެޑް އިން ކާމިޔާބުކޮށްފި އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުގެ މަގާމުން ރުބެން އަމޮރިމް ވަކިކުރުމަށްފަހު ވަގުތީ ގޮތުން އެ ޓީމުގެ ކޯޗު ކަމާއި ހަވާލުވި މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވުމާއިއެކު ޔުނައިޓެޑަށް ވަނީ ވަގުތީ ގޮތުން ނަމަވެސް ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. މި ނަތީޖާ އާއިއެކު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރުމަށް ސިޓީ އަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ.
އޯލްޑް ޓްރެފަޑްގައި ހަތްދިހަ ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޔުނައިޓެޑް އިން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ އަމަދް ޑިއާލޯ އާއި ބްރޫނޯ ފެނާންޑޭޒް ދެ ލަނޑު ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑުތަކެއް ކަމަށް ނިންމާފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑް އިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް ސިޓީގެ ގޯލުކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ ވަނީ ދިފާއުކޮށްފަ އެވެ.
ދެވަނަ ހާފަށް ނިކުތްއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް މެޗުގެ 65 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ދިން ޕާހަކުން ބްރަޔަން އެމްބުއޭމޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ 11 މިނިޓު ފަހުން މެތިއުސް ކޫނިއާ ދިން ބޯޅަ އަކުން ޕެޓްރިކް ޑޯގޫ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ޔުނައިޓެޑްގެ ދެވަނަ ލަނޑާއެކު ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ އެ ޓީމަށް ތިން ބަދަލު އެއް ފަހަރާ ގެނެސްފަ އެވެ. އެގޮތުން ތިޖާނީ ރޭންޑާރސް އާއި މުކާސާގެ އިތުރުން އައިތް ނޫރީ ކުޅެން އެރުވި ނަމަވެސް ސިޓީ އަށް ވަނީ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދޭ ގޮތް ނުވެފަ އެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މޭސަން މައުންޓް އިތުރު ލަނޑެއް ޖެހި ނަމަވެސް މި ފަހަރުވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.