ޚަބަރު

ބްރެންޓްފޯޑް އަތުން ޗެލްސީ މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބު ކޮށްފި އެވެ.

ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗަކީ އެ ޓީމުގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ލިއާމް ރޮޒޭނިއާގެ އިރުޝާދުގެ ދަށުން އެ ޓީމުން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

މި ސީޒަނުގައި ރަގަޅު ނަތީޖާތަކެއް ހޯދާފައިވާ ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ބްރެންޓްފޯޑް އިން ވަނީ ގިނަ ހަމަލަތަކެއް ޗެލްސީގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. އެގޮތުން ބްރެންޓްފޯޑްގެ ކެވިން ޝާޑް އާއި މިކެލް ޑަމްސްގާޑް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ޗެލްސީ އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 26 މިނިޓުގައި އެންޒޯ ފެނާންޑޭޒް ދިން ޕާހަކުން ޖޮއައޯ ޕެޑްރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ޗެލްސީ އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގައި ޖޮއައޯ ޕެޑްރޯގެ ބަދަލުގައި ކުޅެންއެރި ލިއާމް ޑެލަޕް އަށް ބްރެންޓްފޯޑްގެ ގޯލުކީޕަރު ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކޯލް ޕާމާ ކާމިޔާބުކޮށްދިން ލަނޑެވެ.

ޗެލްސީ އަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ޖުމްލަ 34 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމް ލިބިފަ އެވެ. ބްރެންޓްފޯޑް އަށް ލިބިފައިވާ 33 ޕޮއިންޓާއެކު އެ ޓީމު އޮތީތ ާވަލުގެ ހަތްވަނައިގަ އެވެ.

މި މެޗު ފެށުމުގެ ކުރިން ޗެލްސީގެ ސަޕޯޓަރުން ވަނީ ދަނޑު ބޭރުގައި ޓީމުގެ މިހާރުގެ ވެރިޔާ ޓޮޑް ބޮއެލީ އާއި ދެކޮޅަށް އަޑުއުފުލާފަ އެވެ.