ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ރެލީގޭޝަނުން ސަލާމަތްވުމަށް އުންމީދު އާކޮއްފިއެވެ. ތާވަލުގެ ފަހަތުން ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ ދެޓީމުގެ ކުރިމަތިލުން ޓީސީން ކުރި ހޯދީ 2-0 ލަނޑުންނެވެ.
މި ނަތީޖާ އެކު ޓީސީ އަށް ލީގުގައި ކިރުއަށް ޖެހި ނުލެވުނުނަސް އޮތް މަގާމުގައި އެންހެން ޓީމުތަކާ ވަނީ ފަރަގު ބޮޑު ކޮއްފައެވެ. އެއީ 15 މެޗުން ހޯދި 12 ޕޮއިންޓާއެކުއެވެ.
ލީގުގެ 15 ވަނަ ހަފްތާގެ ކުޅުން ނިމުނު އިރު އެއްވަނާގަ މާޒިޔާ އޮތީ 43 ޕޮއިންޓާއެކުއެވެ.
މާޒިޔާ އަށް ލީގު ހޯދަން ބޭނުންވަނީ އެންމެ މޮޅެކެވެ. އޮޑި ސްޕޯޓްސް ކުލަބު ދެވަނައިގަ އޮތީ 35 ޕޮއިންޓާއެކުވެ. ނިއުރޭޑިއަންޓް ތިން ވަނައިގަ އޮތީ 35 ޕޮއިންޓާއެކުއެވެ.
ބުރު 27 ޕޮއިންޓާއެކު ހަތަރު ވަނައިގަ އޮތްއިރު ފަސްވަނައިގަ އީގަލްސް އޮތީ 22 ޕޮއިންޓާއެކުވެ. ވިކްޓަރީ އަށް 21 ޕޮއިންޓް ލިބިފަވާއިރު އެޓީމު އޮތީ ތާވަލުގެ ހަވަނައިގައެވެ.
މެޗުން ބަލިވި ގްރީން 8 ވަނައިގަ އޮތީ 8 ޕޮއިންޓް ހޯދައިގެންނެވެ. 9 ވަނައިގަ އޮތް ވެލެންސިއާ އަށް ވެސް މިއަދަދަށް ޕޮއިންޓު ހޯދާފަވާއިރު ޔުނައިޓެޑް ވިކްޓަރީ ފުލުގަ އޮތީ 7 ޕޮއިންޓާއެކުއެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގެ ޓީސީން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުން ވަނީ ގްރީންގެ ގޯލަށް ނުރައްކާ ކޮއްފައެވެ. މެޗުގެ ފުރަތަމަ މިނިޓުގައި އޭރިއާ ބޭރުން ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް ފޮނުވާލި ބޯޅަ ކީޕަރު ވަނީ އަތުލާފައެވެ.
ޓީސީގެ ގާނާ ފޯވާޑް ބޮއަޑޫ ޕްރިންސް މެޗުގެ 32 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ހޯދި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތު ތެރޭގައި ޓީސީ އަށް ލަނޑު ޖަހަން ރަނގޅު ދެ ފުރުސަތެއް ވަނީ ލިބިފައެވެ. މުހައްމަދު ޔަޒްދާން ހުސެއިން އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ކީޕަރު ނުކުމެ އަތުލި އިރު ޕްރިންސް އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.
މެޗުގައި ޓީސީން ލީޑު ނެގީ 60 ވަނަ މިނިޓުގައި އެ ޓީމުގެ ބިދޭސީ ފޯވާޑް އޮލަމެޖީ ޖިމޯ އޭރިއާ ތެރެއިން ހުސެން ޝަރީފަށް ދިން ބޯޅައެއް ގޯލަށް ވައްދަލައިގެންނެވެ. ޓީސީން ލީޑު އިތުރަށް ފުޅާކުރީ 74 ވަނަ މިނިޓުގައި އޭރިއާ ތެރެއިން މުހައްމަދު ދާނިޝް އިބްރާހިމް އަށް ލިބުނު ބޯޅައިގަ ކީޕަރު ކައިރިން ނައްޓާލާ ހުސްކޮށް އޮތް ގޯލަށް ވައްދައިލައިގެންނެވެ.
މި ނަތީޖާ އެކު ގްރީން އަށް ލީގުގައި އިތުރަށް ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވި އިރު އެޓީމަށް ލީގުގައި ފަހު މެޗުތަކުގައި ނުކުންނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށެވެ.