ޚަބަރު

ލަނޑު ގޯންޏަކާއެކު އިސްދޫ ފައިނަލަށް، ދެވަނަ ޖާގަ ގަމަށް


ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ލ. އަތޮޅުގެ ފައިނަލްގެ ޖާގަތައް އިސްދޫއާއި ގަމުން ހޯދައިފިއެވެ.

އަތޮޅު ފައިނަލުގެ ޖާގައެއް އިސްދޫއިން ހޯދީ އަތޮޅު ސެމީގެ ފުރަތަމަ މެޗުގައި މުންޑޫ އަތުން 0-6 ގެ ފަރަގު ބޮޑު ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

އިސްދޫ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ލޫތު އަޙްމަދު ފަތުހީއާއި މުޙައްމަދު ޝިރުފާން ރަޝީުގެ އިތުރުން އަލީ މީސާގު އީސާއާއި ހޫދު އަޙްމަދު ފަތުހީ އަދި އަލީ ހުމެއިޒުއެވެ. ލޫތު ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލޫތުއެވެ.

އަތޮޅު ސެމީއަށް އިސްދޫއިން ދަތުރުކުރީ ލ. އަތޮޅު ގުރޫޕު އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި މެޗުން ބަލިވި މުންޑޫއިން ސެމީގެ ޖާގައެއް ހޯދީ ގްރޫޕް ބީގެ ދެވަނައިގެ ގޮތުގައެވެ.

މި އަތޮޅުގެ ފައިނަލުގެ ދެވަނަ ޖާގަ ގަމުން ހޯދީ ސެމީގެ ދެވަނަ މެޗުގައި މާވަށުގެ މައްޗަށް 1-4 އިން ކުރިހޯދައިގެންނެވެ.

މެޗުގައި ގަމުގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ހަލީމާއި އަލީ ޝާމިސް (ތޮއްޕެ) ގެ އިތުރުން މުޙައްމަދު ޖިނާހުއެވެ. މެޗުގައި މާވަށުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަޙްމަދު މުޙައްމަދުއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަމުގެ ކީޕަރު މުޙައްމަދު ރަޝީދެވެ.

ލ. އަތޮޅުގެ ފައިނަލުގެ ޖާގަތައް މިހާރު ކަށަވަރުވެފައިވާއިރު މި އަތޮޅުން މުބާރާތުގައި ޖުމްލަ އަށް ޓީމު ބައިވެރިވެފައިވެއެވެ. އެހެންކަމުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދަނީ ދެ ގުރޫޕަކަށް ބަހާލައިގެން، ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށެވެ.