ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއިން ބޭއްވި ޕްރައިމަރީއަކީ ހާމަކަން ބޮޑު، ޑިމޮކްރެޓިކް އުސޫލުތައް ހިފަހައްޓައިގެން، އަމާން އޮމާންކަމާއެކު ރަނގަޅު ނަމޫނާއެއް ފެނިގެންދިޔަ އެތެރޭގެ އިންތިޚާބުތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަނުން ވިދާޅުވީ، މިއާއެކު ފެނުނީ ރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާވަމުންދާކަން ކަމަށެވެ.
އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލުގެ އިންތިޚާބާއި ދިމާކޮށް އެންމެ ބޮޑު 2 ސިޔާސީ ޕާޓީ ކަމުގައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއާއި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީންވަނީ ވަރަށް ވާދަވެރި މާޙައުލެއްގައި ޕާޓީތަކުގެ އެތެރޭގެ އިންތިޚާބު ބާއްވާފައެވެ. މިއިންތިޚާބުތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް އަދި ދުރުން މަންޒަރު ފެންނަ ފަރާތެއްގެ ޙައިސިއްޔަތުން ކޮމިޝަނަށް ފެނުނީ ޕާޓީތަކުން ވަރަށް ރަނގަޅު ނަމޫނާއެއް ދެއްކިތަން ކަމަށެވެ.
އަދި އެންމެ ބޮޑު ސިޔާސީ ދެ ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެޕާޓީތަކުން ކެނޑިޑޭޓުން ނެރުމަށްޓަކައި ބޭއްވި އެތެރޭގެ އިންތިޚާބުން ފެނުނީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމެއްގައި ޕާޓީގެ އެތެރޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާވަމުން އަންނަ ތަން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުން ޑިމޮކްރެޓިކް އުސޫލުތައް ހިފަހައްޓައިގެން އިންތިޚާބު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.
"އެންމެ ފަހުން ނިމިގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައިވެސް އަދި އޭގެ ކުރިން ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައިވެސް ވަރަށް ވާދަވެރި އަދި ހާމަކަން ބޮޑު އިންތިޚާބެއް ބޭއްވިގެން ދިޔައީ، ވަރަށް ކުދި ކުދި މައްސަލަތަކެއް ފެނިގެން ދިޔައީ. އެއީ އިލެކްޝަންސް ކޮމިޝަނުން އުފަލާއެކު ފާހަގަކުރާ ކަމެއް." ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭއްވި ދެޕާޓީގެ އެތެރޭގެ އިންތިޚާބުގައިވެސް ވާދަވެރި މާޙައުލެއްގައި އަމާންއޮމާން ކަމާއެކު މަސައްކަތްކޮށްފައިވާއިރު ފެނިގެން ދިޔައީ އިންތިޚާބުތަކުގައި ޖެހޭ ވަރަށް ކުދި މައްސަލަތައް ކަމަށް އިލެކްޝަންސުން ވިދާޅުވެއެވެ.
ލޯކަލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުތައް އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. ވަކި ތާވަލެއްގެ ދަށުން މަސައްކަތް ކުރަމުންދާއިރު އަމާންކަމާއެކު ކަނޑައެޅިފައިވާ މުއްދަތަކަށް ކަންކަން ނިންމުމަށް ޕާޓީތަކާއި ކެނޑިޑޭޓުން އެއްބާރުލުން ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ޢިލްތިމާސްކުރައްވައެވެ.