ޚަބަރު

ދެވަނަ އަށް އަރަން ލިބުނު ފުރުސަތު އެސްޓަން ވިލާއިން ނަގާލައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ ބަލިވެއްޖެ އެވެ.

މި މެޗުން އެސްޓަން ވިލާ ބަލިވުމާއިއެކު ތާވަލުގެ ދެވަނަ މަގާމް ހޯދުމަށް އެ ޓީމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. މި ނަތީޖާ އާއިއެކު އެސްޓަން ވިލާ އަށް 22 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ވެސް ލިބިފައިވަނީ 43 ޕޮއިންޓެވެ.

އެވަޓަން އަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ޖުމްލަ 32 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނަ މަގާމް ލިބިފަ އެވެ.

އެސްޓަން ވިލާގެ ވިލާ ޕާކްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނިޓުގައި އެވަޓަން އަށް ކާމިޔާބު ކޮށްދީފައިވަނީ ތިއާނޯ ބެރީ އެވެ. މި ލަނޑަކީ އެސްޓަން ވިލާގެ ގޯލުކީޕަރު އެމީ މާޓިނޭޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.