ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް ސަޢޫދީއަށް


  • މިދަތުރު ކުރިއަށްދާނީ މިމަހުގެ 19 އިން 24 އަށް

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިމަހުގެ 19 އިން 24 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް، ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާ، އަމީން ޢާންމުގެ ނައިބު މުޙައްމަދު ރަޝީދު، ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވައެވެ.