ކުޅިވަރު

ފުރުސަތު ހޯދައިދެވޭނަމަ ކާމިޔާބު ހޯދިދާނެކަން ފުޓްސަލް ޓީމުންދަނީ ސާބިތުކޮށްދެމުން: ވަޒީރު ރާފިޢު


ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރަމުންދާ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ސާބިތުކޮށްދެނީ ފުރުސަތުތައް ހޯދައިދެވިއްޖެނަމަ ކާމިޔާބާއި ހަމައަށް ދަތުރުކުރެވިދާނެކަންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" މިޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ފުޓްސަލްގެ ހުނަރުވެރި މޮޅެތި ކުޅުންތެރިން ރާއްޖޭގައި އެބަތިބިކަމަށެވެ. އެހެންނަމަވެސް ޒުވާނުންގެ މެދުގައި މަގުބޫލު މި ކުޅިވަރަށް ޚާއްސަ އިންޑޯ ކޯޓެއް މިވަގުތު ރާއްޖޭގައި ނެތުމަކީ ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު އެއްދަތިކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގައި ފުޓްސަލް ކުޅޭ ވަރަށް މޮޅެތި ކުޅުންތެރިން އެބަތިބި. އެކުޅުންތެރިންނަށް ކުޅޭނެ ރަނގަޅު މާހައުލެއް މިހާރު ހޯދަންޖެހިފައި މިއޮތީ" ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ބައިނަލްއަގްވާމީ މުބާރާތްތައް އިންޑޯ ކޯޓުތަކުގައި ކުޅޭއިރު، އެ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންޑޯ ކޯޓެއްގައި ފަރިތަކޮށްލަން ނުލިބި މުބާރާތުގެ މެޗުތައް ކުޅެން ޖެހުންކަމަށެވެ. އެހެންކަމުން މިއަހަރު އަލަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރަމުންދާ ގައުމީ ފިރިހެން ޓީމަށް އިންޑޯގައި ފަރިތަކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވިކަމަށް ވިދާޅުވިއެވެ. އެފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ގައުމީ ފިރިހެން ފުޓްސަލް ޓީމުން ހިފައިފިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ރާއްޖެއަކީ މޮޅެތި ފުޓްސަލް ތަރިން ތިބި ގައުމަކަށްވާއިރު އެކުޅުންތެރިންގެ ހުނަރު އިތުރަށް ދައްކާލުމަށް މިފަދަ ފުރުސަތުތައް ފަހިކޮށްދޭންޖެހޭކަމަށެވެ.

"މިފަހަރު އަޅުގަނޑުމެން އެ މާހައުލަށް އެކުދިން ޓްރޭންކުރުމަށްޓަކައި ޗައިނާއަށް މި ފޮނުވީ. މުބާރާތުގެ ކުރިން އެ ޕްލެޓްފޯމުގައި ތަމްރީނުކުރުމަށްޓަކައި، އެ ސަރފޭސްގައި ތަމްރީނުކުރުމަށްޓަކައި. އެހެންވީމަ އެކަހަލަ ކަމެއް އެކުދިންނަށް ލިބުމަކީ އެކުދިންގެ ޓެލެންޓް އިތުރަށް ފެނިގެންދާނެ ކަމެއްކަމަށް ފެންނާތީވެ އެކަމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ މިމުބާރާތުގައި އަޅުގަނޑުމެންގެ ފިރިހެން ފުޓްސަލް ޓީމު ދައްކަމުން އެދަނީ" ވަޒީރު ވިދާޅުވިއެވެ.

އިންޑޯއަށް ފަރިތަވުމުގެ ގޮތުން މިދިޔަ މަހުގެ ފަހުކޮޅު ގައުމީ ފިރިހެން ފުޓްސަލް ޓީމުން ޗައިނާގައި ތަމްރީނުތަކެއް ހަދާފައިވާއިރު، ބެންކޮކުގައި މިހާރު ކުރިއަށްދާ އެއްވަނަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފުޓްސަލް ޓީމުން އަންނަނީ ހައިރާންކުރުވަނިވި މޮޅު ނަތީޖާތަކެއް ނެރެމުންނެވެ. މިމުބާރާތުގައި ޤައުމީ ފުޓްސަލް ޓީމުންވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ލީގު ތާވަލުގެ އެންމެ ކުރިން ލީޑު ފުޅާކޮށް ޗެމްޕިއަންކަމާއި ޕޮއިންޓަކާއި ގާތަށްޖެހިލާފައެވެ. ގައުމީ ޓީމުން ހޯދަމުންދާ ކާމިޔާބީއަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ އެޓީމުން ސާބިތުކޮށްދެމުންދަނީ ފުރުސަތުތައް ފަހިކޮށްދެވިއްޖެނަމަ ކާމިޔާބީއަކީ ދާދި ގާތުގައި އޮންނާނެ އެއްޗެއްކަން ކަމަށެވެ. ފުޓްސަލް ޓީމަށް ތައުރީފުކުރައްވަމުން ވަޒީރު ވިދާޅުވީ އުންމީދަކީ މުބާރާތުގެ ތަށި ގައުމީ ޓީމުން ހިއްލާލުންކަމަށާއި އެއީ ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކެއްކަމަށެވެ.

"އުންމީދުކުރަނީ އިރާދަކުރެއްވިއްޔާ ހަމަ ގިނަ މެޗުތަކަކުން މޮޅުވެ މުބާރާތް ކާމިޔާބުކުރުން. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ޓެލެންޓު ހުރި މޮޅެތި ވަރަށް މޮޅެތި ކުދިން ވަރަށް ގިނައޭ. އެކުދިންނަށް ދޭންޖެހޭ ފުރުސަތުތައް އަޅުގަނޑުމެން ރަނގަޅުގޮތުގައި ހޯދައިދީފިއްޔާ ކާމިޔާބީއަކީ ވަރަށް ގާތުގައި އޮންނާނެ އެއްޗެކޭ" ވަޒީރު ވިދާޅުވިއެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ދެން ނުކުންނާނީ ބޫޓާންއާއި ދެކޮޅަށެވެ. ގައުމީ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރަން މިހާރު ބޭނުންވަނީ ކުރިއަށް އޮތް ދެ މެޗުން ހަމަ އެންމެ ދެ ޕޮއިންޓެވެ. އެހެންނަމަވެސް މިއަދު ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު އެއްވަރުވެއްޖެނަމަ، އެހާ ހިސާބުން ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.