ޚަބަރު

ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމް 101 ރަށުގައި ޤާއިމްކޮށްފި


  • މީގެ ސަބަބުން ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ

ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމް މިހާތަނަށް 100 އަށްވުރެ ގިނަ ރަށުގައި ޤާއިމްކޮށްފިއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓަށް ހެއްދެވުމަށް ގެންގުޅުއްވާ ތަސައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމްތަކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެ ވުޒާރާއިން ވިދާޅުވީ މީގެ ބޭނުމަކީ ރަށުގެ ކަރަންޓު ގްރިޑްގެ ހަމަޖެހުން ގާއިމުކޮށް، ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށެވެ.

މި ނިޒާމުގެ ސަބަބުން ރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމަށްޓަކައި އަހަރަކު ބޭނުންކުރާ ޑީސަލް ބޮޑުތަނުން މަދުކުރެވޭނެއެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ތެރެއިން އަހަރަކު އެތައް ޓަނުގެ އެމިޝަންސް މަދުކުރެވޭނެ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެވުޒާރާއިން ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ. އަދި މިއީ ތިމާވެށި ޙިމާޔަތް ކުރުމަށާއި އިޤްތިސާދީ ގޮތުން ރާއްޖެއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ޑީޒަލްގެ ބޭނުން ކުޑަކުރުމަކީ ތިމާވެއްޓަށް ކާބަން ޑައިއޮކްސައިޑްގެ ގެއްލުންދޭ މިންވަރު މަދުކުރުމުގެ އިތުރުން، ދައުލަތަށް ޑީޒަލް ގަތުމަށް ކުރާ ހޭދަ ކުޑަ ކުރެވިގެންދާނެ ކަމެކެވެ. މި ސިސްޓަމްގައި ހިމެނޭ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމަކީ ދުވާލު ހަދާ ސޯލާ ކަރަންޓު ރައްކާކޮށް، ރޭގަނޑު އަދި ސޯލާ ކަރަންޓު ނުލިބޭ ގަޑިތަކުގައިވެސް ކަރަންޓު ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ނިޒާމެކެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް މީހުން ދިރިއުޅޭ 101 ރަށެއްގައި ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމް ޤާއިމްކޮށްފައިވާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަސައްކަތުގެ އިތުރުން އެސްޕަޔަރ އަދި އަރައިސް މަޝްރޫޢުތަކުގެ ދަށުން ދިވެހިރާއްޖޭގެ 10 އަތޮޅެއްގެ 23 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖެއަށް ޖުމްލަ 36 މެގަވޮޓުގެ އާ ކަރަންޓުގެ ހަކަތަ އުފެއްދުމުގެ ޤާބިލިއްޔަތު އިތުރުވެގެންދާނެ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަކީ ދިވެހިރާއްޖެއިން އިޢާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ. ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓައިގެން، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި މަޝްރޫޢުތަކުގެ އެންމެ ބޮޑު އެއް މަޤުސަދެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދިގުދެމިގެންދާނެ ތަރައްގީއަށް މަގުފަހިވެ، ޤައުމުގެ އިޤްތިސާދަށްވެސް ފައިދާކުރާނެ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫޢުތައް ހިންގުމުގެ ސަބަބުން ހަކަތައިގެ ގޮތުން ރަށްތަކުގެ މިނިވަންކަން އިތުރުވެ، ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިޤްތިސާދީ ގޮތުން ފައިދާހުރި ކަރަންޓުގެ ޚިދުމަތް ލިބޭނެއެވެ.