ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކަށަވަރުކޮށް، ސަރަހައްދީ ފުޓުބޯޅައިގެ ރަސްކަން ދިވެހިރާއްޖެއިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ، ރާއްޖޭގެ ފަސްވަނަ މެޗުގައި ބޫޓާނުގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ މޮޅުވެފައެވެ. އަދި މުބާރާތުގައި ރާއްޖެއަށް ބާކީ އެއް މެޗު އޮތްކަން ވެސް ފާހަގަކޮށްލެވެއެވެ.
ބެންކޮކުގެ ނޮންތަބުރީ އިންޑޯ ހޯލުގައި މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި، ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ހަމަލާތަކެއް އުފައްދައި، ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ.
ބޫޓާން ޓީމުން ޑިފެންސިވް ގޭމެއް ކުޅެ ކައުންޓަރ އެޓޭކުން ފުރުސަތުތައް ތަނަވަސްކުރިއިރު ރާއްޖެ ޓީމުން ކުޅުނީ ކުރިއަށް ޖެހިގެން އެޓޭކިން ގޭމެކެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބޫޓާން ޓީމުންނެވެ. ހާފުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިގްނޭ ޝުލްޓްރިމްއެވެ.
ބޫޓާނުގެ މި ލަނޑާއެކު ދިވެހި ކުޅުންތެރިން އިތުރު ހިތްވަރަކާއެކު ލަނޑުޖަހަން މަސައްކަތްކުރިއިރު، ހާފު ނިމުމުގެ ކުރިން ރާއްޖެއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ހާފުގެ މެދެއްހައި ހިސާބުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއް ތިން ދަނޑިން އެތެރެކޮށްލައި މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.
ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެ ޓީމުން ދެވަނަ ހާފު ފެށިއިރު، މިހާފު ރާއްޖެއިން ފެށީ ވަރުގަދަކޮށެވެ.
ނަތީޖާއެއްގެ ގޮތުން ހާފު ފަށައިގެން ދެ މިނެޓުގެ ތެރޭގައި ރާއްޖެއިން ވަނީ ލަނޑެއްޖަހައި، ފުރަތަމަ ފަހަރަށް މެޗުގައި ލީޑުނަގާފައެވެ. ބޫޓާން ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމެއްގައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އަހްމަދު ހަމީދު (އައްމަޑޭ) އެވެ.
ރާއްޖެއިން މެޗުގައި ޖެހި ތިންވަނަ ލަނޑަކީ، ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ނަތީޖާއާއިއެކު ރާއްޖެއިން މެޗުން މޮޅުވިއިރު، ރާއްޖެއިން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާފައި މިވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ޖުމްލަ 15 ޕޮއިންޓާއެކުއެވެ. ދެން އެއްވެސް ޓީމަކަށް، ބާކީ މެޗުތަކެއް ހުރި ނަމަވެސް ރާއްޖެއާ ޕޮއިންޓުގެ ގޮތުން އެއްހަމަ ނުކުރެވޭނެއެވެ.
ރާއްޖެއާ ޕޮއިންޓުގެ ގޮތުން އެންމެ ކައިރީގައި، ތާވަލުގެ ދެވަނައިގައި އޮތް ޕާކިސްތާނަށް ބާކީ އެއް މެޗު އޮތްއިރު، ފަސް މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ދެން އޮތް މެޗު ކާމިޔާބުކުރި ނަމަވެސް ޕާކިސްތާނަށް ލިބޭނީ 13 ޕޮއިންޓެވެ.
ތާވަލުގެ ތިންވަނައިގައި އޮތް ނޭޕާލަށް ފަސް މެޗުން އަށް ޕޮއިންޓު ލިބިފައިވާއިރު ދެން އޮތް މެޗުން މޮޅުވެގެން އެންމެ ގިނަވެގެން ލިބޭނީ 11 ޕޮއިންޓެވެ.
މިއާއެކު ބާކީ އެއް މެޗު އޮއްވައި ރާއްޖެއިން ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މިއީ ފުޓްސަލްގައި ރާއްޖެއިން ހޯދި ބައިނަލްއަގްވާމީ ފުރަތަމަ ތަށްޓެވެ.
2004 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ރާއްޖެއިން ފުރަތަމަ ބައިނަލްއަގްވާމީ ފުޓްސަލް މެޗު ކުޅުނުއިރު، އެތައް އުނދަގުލަކާއި ގޮންޖެހުމަކާއި ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، އޭގެ 17 އަހަރެއްހައި ދުވަސް ފަހުން ރާއްޖެއިން މިވަނީ އެ ދުވަހު ފެށި އުއްމީދީ ދަތުރަށް، ކާމިޔާބު މަންޒިލެއް ހޯދާފައެވެ.