ވިޔަފާރި

ކުންފުންޏާބެހޭ ޤާނޫނަށް ބޮޑެތި އިސްލާޙްތަކެއް ގެންނަވަނީ


ވިޔަފާރިތަކަށް ފަސޭހަވާނެގޮތްތަކަށް ވިސްނާ ކުންފުންޏާބެހޭ ޤާނޫނަށް އިސްލާޙްތަކެއް ހުށަހަޅަން ހަމަޖެހިފައިވާާކަމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މި ހުށަހެޅޭ އިސްލާޙުތަކާއެކު ކުންފުންޏާ ބެހޭ ޤާނޫނު ވާނީ މުޅިން އާ ޤާނޫނަކަށްކަމަށެވެ. އެގޮތުން މިހާރު މަސައްކަތް ނުކޮށް ވިޔަފާރި ހުއްޓިފައި ހުރި ކުންފުނިތައް އުވާލުމަށް ހުރި ދަތިތައްވެސް މިޤާނޫނުގެ ތެރެއިން ލުއިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކުގެ ތެރެއިން މިހާރުގެ ޤާނޫނުގައި ހުރި އުނދަގޫ ގިނަ ކަންތައްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވިޔަފާރީގެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކާއި މައްސަލަތަކަށް ޙައްލު ހޯދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ދަނީ ކުރިއަށް ގެންދަވަމުންނެވެ. މިގޮތުން ކުރެވޭ ތަފާތު އެކި މަސައްކަތްތަކުގެ ތެރެއިން މިހާރު ވަނީ ވަރަށް ގިނަ ޤާނޫނުތަކެއް ޑްރާފްޓްކުރެވިފައެވެ.

މީގެ ތެރޭގައި ފޮރިން އިންވެސްޓްމަންޓާއި ބެހޭ އާ ޤާނޫނެއް ހެދުމާއި މިހާރު ހެދިފަ ހުރި ޤާނޫނުތަކަށްވެސް އިސްލާޙުގެންނެވުމުގެ މަސައްކަތް އެމިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ.

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ޑްރާފްޓް ކޮށްފައިވާ ޤާނޫނުތައް މަޖްލީހަށް ފޮނުވުމުގެ މަރުޙަލާގައިވާކަމަށެވެ.