ޚަބަރު

ފުވައްމުލަކު ފަރަށް އެރި އާގުބޯޓް ފުންކޮށްފި


ފުވައްމުލަކު ފަރަށް އެރި ވިއެޓްނާމްގެ އާގުބޯޓް މަހަކަށްވުރެ ގިނަދުވަސްފަހުން ފުންކޮށްފިއެވެ. 

ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނު ހިފައިގެން އެރަށަށް ދިޔަ މި ބޯޓް ފުންކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏަކާ ޙަވާލުކޮށްގެން މިމަސައްކަތަށް ބޭނުންވާ ޓަގް ބޯޓްފަހަރާއި އަދި އެހެނިގެން ވަޞީލަތް ރާއްޖެ ގެނެސްގެންނެވެ.

ބޯޓް ފުންކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ދެއްވި ފުރަތަމަ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ސަރަޙައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ފުންނުކުރެވުގެން އިތުރު 15 ދުވަސް ދެއްވިއެވެ. ނަމަވެސް ބޯޓްގައި ހުރި ސާމާނާއެކު ބޯޓް ފުންކުރުމަށް ދަތިވާނެކަމަށް ބޯޓްގެ ވެރިފަރާތުން ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކަށް އެންގުމުން ބޯޓް ފުންކުރެވޭވަރަށް ބޯޓުން ސާމާނު އެސަރަޙައްދުގެ މޫދަށް އެޅުމުގެ ހުއްދަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ދެއްވިއެވެ. މިބޯޓް ފުން ކޮށްފައިވަނީ ބޯޓްގައި ހުރި ބައެއް ސާމާނު މޫދަށް އަޅައިގެން ބޯޓް ލުއިކުރުމަށްފަހުގައެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، ބޯޓްގައި ހުރި ސާމާނު މޫދަށް އަޅަން ހުއްދަދެއްވީ މޫދަށް އެއްޗެހި އަޅައިގެން ލިބޭ ގެއްލުމަށްވުރެ އެބޯޓް އެގޮތަށް ބޯޓް ހަލާކުވެއްޖެނަމަ ފަރަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެކަމަށް ޤަބޫލްކުރެވޭތީ ސަރުކާރުގެ ހުރިހާ މުވައްސަސާތަކާ މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ. ބޯޓް ފަރަށް އަރައި މަހަކަށްވުރެ ގިނަދުވަސްވެފައިވާތީ، އެކަމުގެ ސަބަބުން އެސަރަހައްދުގެ ފަޅަށް ލިބުނު ގެއްލުންތައް ބައްލަވަމުން ގެންދަވާކަމާއި އެ ސަރަޙައްދު ދިރާސާކުރެއްވުމަށްފަހު އަޅުއްވަންޖެހޭ ފިޔަވަޅު އަޅުއްވާނެކަމަށްވެސް ނަޢީމް ވިދާޅުވިއެވެ.

މިއީ، ވިއެޓްނާމްގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެކެވެ. "އެމްވީ އެން.ޖީ.އޯ.ސީ، ސަން" ނަމަކަށް ކިޔާ މި ބޯޓް ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔައީ މިދިޔަ މަހުގެ 8 ވަނަ ދުވަހު މާލެ އައިސް ކުލިއަރެންސް ހޯދައިގެންނެވެ. ބޯޓް ފުވައްމުލަކު ފަރަށް އެރީ މިދިޔަ އޯގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ހަވީރުއެވެ. މި ބޯޓަކީ ދިގުމިނުގައި 102.79 މީޓަރު އަދި ފުޅާ މިނުގައި 17 މީޓަރު ހުރި ބޯޓެކެވެ. މިއީ ގާތްގަނޑަކަށް 5000 ޓަނުގެ ބޯޓެކެވެ.