ތަރައްްޤީ

ރާއްޖޭގެ އިޤްތިޞާދީ މައި ދޮރޯއްޓަށް 30 އަހަރު


ރާއްޖެއިން ބޭރުން ރާއްޖެއަށް މުދާ އެތެރެކުރުމާއި ރާއްޖެއިން ބޭރުގެ ޤައުމުތަކަށް އެތެރެކުރާ މުދާ އެރުވުމާއި ބޭލުމުގެ ކަންކަން ބެލެހެއްޓުމަށާއި ރާއްޖޭގެ ކަނޑުގެ ބަނދަރުތައް ހިންގައި ބެލެހެއްޓުމަށް ވަކި އިދާރާއެއް އުފައްދަވާފައިވަނީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 15 ގައެވެ. މި އިދާރާ ފުރަތަމަ އުފެއްދެވީ ސަރުކާރުގެ ރަސްމީ އޮނިގަނޑުގައި ހިމެނޭ ރެގިއުލޭޓްކުރާ އޮފީހެއްގެ ގޮތުގައެވެ. އޭގެ ފަހުން 31 ޖުލައި 2008 ގައި މިކަމަށް ވަކި ކުންފުންޏެއް އުފެއްދެވިއެވެ. އެއީ މޯލްޑިވްސް ފޯޓްސް ލިމިޓެޑެވެ. އަދި ރާއްޖޭގައި މިހާރު ޤާއިމްކުރެވިފައި މި އޮތް ކޮމާޝަލް ހާބަރ ހުޅުއްވީ 15 ސެޕްޓެމްބަރ 1986 ގައެވެ. ކަނޑުގެ ބަނދަރުތައް ހިންގައި ބެލެހެއްޓެވުމަށާއި އަދި އިމްޕޯޓް އެކްސްޕޯޓް މުދާ އަރުވައި ބޭލުމުގެ ކަންކަން ހިންގެވުމަށް އުފެއްދެވި އިދާރާއަށް މިއަދު ވަނީ 30 އަހަރުވެފައެވެ.

img:http://s2.psmnews.mv/images/660x400/5783.jpg|މާލޭ ވިޔަފާރި ބަނދަރު - ފޮޓޯ: ކަސްޓަމްސް

ރާއްޖޭގެ ކަނޑުގެ ބަނދަރުތައް، މިއަދު ސިފަކުރަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މައި ދޮރޯށީގެ ގޮތުގައެވެ. އެއީ ރާއްޖޭގެ އިޤްތިޞާދު، އިމްޕޯޓް އެކްސްޕޯޓަށް ބަރޯސާ މިންވަރު ދައްކައިދޭ ކަމަކަށް ވުމާއެކުގައެވެ. ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރަން ފެށި ތާރީޚެއް އަދި އެކްސްޕޯޓްކުރަން ފެށި ތާރީޚެއް އެނގޭކަށް ނެތެވެ. އެހެންނަމަވެސް ރާއްޖެއަށް މާވަހަރާއި ކުފުރާއާއި ބޮލިފަދަ ތަކެތި ގަންނަން ބޭރުގެ ބޯޓްފަހަރު އައިކަމާއި އަދި އެތަކެތި، އެ ބޯޓްފަހަރުން ގެންނަ ކާބޯތަކެއްޗާއި ފޭރާމާއި އެކި ބާވަތުގެ ކަންވާރާއި ހަރުމުދަލަށް ވިއްކައި އުޅުނުކަން ތާރީޚީ ލިޔުންތަކުން ސާފުކޮށް އެނގެން އެބަހުއްޓެވެ. އަދި ދިވެހިން ކަނޑުމަހާއި ބޮއްޔާއި ކުފުރާއާއި މާވަހަރު ވިއްކަން ބޭރު ޤައުމުތަކަށް ދަތުރުކޮށް އުޅުނުކަންވެސް އެނގެން އެބައޮތެވެ.

ދިވެހި ތާރީޚަށް ބަލާއިރު، ދިރިއުޅުން ބޭރުގެ ތަކެއްޗަށް ބަރޯސާކުރި މިންވަރު ކުޑައެވެ. ދިވެހިރާއްޖެއިން ލިބެން ހުރި އެއްޗެހިން ކެއުން ބުއިމާއި އެހެން ބޭނުންތަކުގެ ތެރެއިން ފުއްދެން ހުރި ކަންކަން ކުރަމުން އެ ނޫން ކަންކަން ނުކޮށް ދިރިއުޅުމެއް އޮތް ތާރީޚް ބަދަލުވެ ރާއްޖެއަކީ ބޭރުން ގެންނަ ތަކެއްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އަދި ބޭރުން ބޭނުންވާ ހުރިހާ ކަމެއްގެ ފުދުންތެރިކަމެއް ހޯދައިގެން އުޅޭ ބަޔަކަށް މިއަދު މިވަނީ ވެފައެވެ. އެހެންކަމުން ދިވެހިރާއްޖެއަކީ ކޮންމެ އަހަރަކު އެތައް ބިލިޔަން ރުފިޔާއެއްގެ މުދާ އެތެރެކުރާ ޤައުމެކެވެ. އަދި އެތެރެކުރާ ނިސްބަތާ ކައިރިނުކުރިޔަސް ކޮންމެ އަހަރަކު އެތައް ސަތޭކަ ޓަނެއްގެ ތަކެތި އެކްސްޕޯޓްވެސް ކުރެއެވެ. އެކްސްޕޯޓްކުރާ މައިގަޑު ބާވަތަކީ ފިނިކުރި މަހާއި މަހުގެ އުފެއްދުންތަކެވެ.

img:http://s3.psmnews.mv/images/660x400/6919.jpg|މާލޭ ވިޔަފާރި ބަނދަރު - ފޮޓޯ: ކަސްޓަމްސް

މާލެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމަށް މިހާރު ބޭނުންކުރައްވާ ކޮމާރޝަލް ހާބަރ ހުޅުވުނީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 15 ގައެވެ. އޭގެ ކުރިން ރާއްޖެއަށް އެތެރެކުރާ މުދާ ބާލާ ހަމައެކަނި ސަރަޙައްދަކީ މިހާރު ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދެވެ. ރާއްޖެއަށް މުދާ ގެންނަނީ ލަކުޑި ބޯޓްފަހަރާއި ކުދި ދަގަނޑު ބޯޓްފަހަރުގައި ބަސްތާގައާއި ލަނކުޑި ފޮޑިގަނޑުތަކުގައި ބަންދުކޮށްގެންނެވެ. ބޯޓްފަހަރުން ބާލާ މުދާ އަރުވަނީ ދޯނިފަހަރަށާއި ކުދި ސައިޒްގެ ބަނޑުތަކަށެވެ. އަދި ދޯނިފަހަރާއި ބަނޑުތަކުން އެއްގަމަށް މުދާ ބާލަނީ އާދައިގެ ކްރޭނު ބޭނުންކޮށްގެންނާއި މީހުންގެ ކޮނޑުމަތީގައެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރަށް ވޭތުވެދިޔަ ތިރީހަކަށް އަހަރުދުވަހުގެ ތެރޭގައި ވަނީ ބޮޑެތި ބަދަލުތައް ގެނެވިފައެވެ. ވިޔަފާރި ބަނދަރާއެކު ކަނޑާ ގުޅިފައިވާ މަގަތުފާލަމަށް ބޯޓްފަހަރު ކައިރިކޮށްގެން ކޮންޓެއިނަރ މުދާ ބޭލުމުގެ އިންތިޒާމް ހަމަޖެއްސި، ކޮންޓެއިނަރ ހުރިގޮތަށް އަރުވައި ބޭލުމުގެ މަސައްކަތްކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެއްސިފައެވެ. އަދި މާލޭގެ އިތުރަށް ހދ. ކުޅުދުއްފުށްޓާއި އައްޑޫ ސިޓީގެ ހިތަދުއާއި ތިލަފުށީގައި ވަނީ ސީޕޯޓް ޤާއިމްކުރެވިފައެވެ. ރާއްޖެއަށް ކޮންމެ ދުވަހަކު އެތައް ސަތޭކަ ޓަނެއްގެ މުދާ ގެނެވޭއިރު، ބައެއް ބާވަތްތައް ގެންނަނީ ބަލްކުކޮށެވެ. އޭގެތެރޭގައި ސިމެންތިއާއި ހިލައާއި ހިލަވެއްޔާއި މި ނޫންވެސް ބައެއް ބާވަތްތައްވެސް ހިމެނެއެވެ.

img:http://s3.psmnews.mv/images/660x400/8527.jpg|އެމްޕީއެލް ބަނދަރު ސަރަޙައްދު - ފައިލް ފޮޓޯ: ޕީއެސްއެމް

މިދިޔަ ޖުލައިމަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 196 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 185 މިލިއަން ރުފިޔާއެވެ.

ރާއްޖެއަކީ މިހާރު މުދާ އަރުވައި ބޭލުމާއި ކްލިއަރކުރުމުގެ ޒަމާނީ ނިޒާމްތައް ބޭނުންކުރަމުން އަންނަ ޤައުމެކެވެ. އަދި ރާއްޖޭގައި އިމްޕޯޓް އެކްސްޕޯޓް ޑިއުޓީ ނެގުމުގެ ކަންކަން ކަސްޓަމްސްއިން ބަލަހައްޓަވަނީވެސް އެންމެ ޒަމާނީ އުޞޫލުތަކަށް، ފަހުގެ ވަޞީލަތްތައް ބޭނުންކުރައްވައިގެންނެވެ. ރާއްޖޭގެ ކޮމާރޝަލް ހާބަރގެ ތަރައްޤީއާއި ޑިއުޓީ ނެންގެވުމުގެ ފަހިކަމަކީ، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާގެ ކުރިއެރުމަށާއި ޢުމްރާނީ ތަރައްޤީއަށް މުހިންމު ކަމެކެވެ. ރާއްޖޭގައި އަލަށް ޤާއިމްކުރައްވަން ހަމަޖައްސަވާފައިވާ ސީޕޯޓްތަކުގެ ސަބަބުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ކަސްޓަމްސްގެ ދައުރު އިތުރަށް ފުޅާވެގެންދާނެކަން ފާހަގަކުރެވެއެވެ.