ޚަބަރު

ދިވެހި ޙައްޖުވެރިންގެ ކަންތައްތައް ބެލުމަށް ޚާއްޞަ ޕޯޓަލްއެއް


ދިވެހިރާއްޖެއިން ޙައްޖަށް ދާން ބޭނުންވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. ރާއްޖެއިން ޙައްޖަށްދާން އެދި ފޯމް ހުށައަޅާ މީހުންގެ ކިއޫއަށް ބަލާލުމުންވެސް މިކަން ފާހަގަކުރެވެއެވެ. ޙައްޖަށް ދާން ރާއްޖެއަށް ލިބޭ ކޯޓާއާ އެއްވަރަށް ދިވެހިން ކޮންމެ އަހަރަކުވެސް ޙައްޖަށްދެއެވެ. އަދި ޙައްޖު ކޯޓާ އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރެއްވި ޚާއްޞަ މަސައްކަތްޕުޅެއްގެ ނަތީޖާއެއްގެ ގޮތުގައި 1436 ވަނަ އަހަރުވެސް އަދި މިހިނގާ 1437 ވަނަ އަހަރުވެސް ކުރިން ލިބެމުން އައި އެއްހާސް ކޯޓާގެ ބަދަލުގައި ދެހާސް މީހުންގެ ކޯޓާ ލިބި، އެ ޢަދަދަކަށް މީހުން ޙައްޖަށް ގޮސްފައިވެއެވެ.

މިހިނގާ 1437 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ 2000 މީހުންގެ ތެރެއިން 1000 މީހުން ޙައްޖަށް ދިޔައީ، ދިވެހިން ޙައްޖަށް ގެންދިއުމުގެ ކަންކަން ހަރުދަނާގޮތެއްގައި ހިންގެވުމަށް ސަރުކާރުން އުފައްދަވާފައިވާ ކުންފުނި، ޙައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ. އަނެއް 1000 މީހުން ޙައްޖަށް ގެންދިޔައީ ސަރުކާރުން ޤަބޫލުކުރައްވާ ހުށަހެޅުންތަކެއް ހުށަހެޅި 5 ކުންފުންޏެއްގެ ޙަވާލުގައެވެ.

img:http://s2.psmnews.mv/images/660x400/14735754046656.jpg|ދިވެހި ޙައްޖާޖީން އަރަފާތު ބިމުގައި- ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ރާއްޖެއިން ޙައްޖަށްދާ މީހުންގެ އިންތިޒާމްތައް ހަރުދަނާކުރައްވައި ރަނގަޅުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ޚާއްޞަ މަސައްކަތްތަކެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ގެންދަވަނީ ހިންގަވަމުންނެވެ. އަދި ދައުލަތުގެ ކަމާބެހޭ އިދަރާތަކާއި ސަރުކާރުގެ ކުންފުނިތަކުން އަންނަނީ މިކަމަށް ބޭނުންވާ އެއްބާރުލުން ދެއްވަމުންނެވެ. ދިވެހިން ޙައްޖަށް ދިއުމުގެ ކަންކަން ހަރުދަނާކުރެއްވުމަށްޓަކައި ކުރިޔަށް އޮތް އަހަރު އިތުރަށް ކުރަންވަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. އަދި މިވަގުތަށް ބޮޑަށް ފާހަގަކުރެއްވިފައި ހުރި ބައެއް މަސައްކަތްތައް މިހާރު ވަނީ ފަށްޓަވާފައެވެ. މީގެ ތެރެއިން އެއްކަމަކީ ޙައްޖު ޕޯޓަލްއެއް ތައްޔަރުކުރެއްވުމުގެ މަސައްކަތެވެ.

img:http://s1.psmnews.mv/images/660x400/4934.jpg|ދިވެހި ޙައްޖާޖީން މައްކާގައި- ފޮޓޯ: ޙައްޖު ކޯޕަރޭޝަން

މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވި ގޮތުގައި، މި ޕޯޓަލް ނިންމަވައި 1438 ވަނަ އަހަރުގެ ޙައްޖުގެ ކަންކަން ކުރިޔަށް ގެންދެވުމުގައި މި ޕޯޓަލް ބޭނުންކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވި ގޮތުގައި މިޕޯޓަލް ނިންމަވައި ބޭނުންކުރައްވަން ފެއްޓެވުމުން، ތަރައްޤީވެފައިވާ އިސްލާމީ ޤައުމުތަކުގައި ޙައްޖުވެރިންގެ ކަންކަން އިންތިޒާމްކޮށް ވިލަރެސްކުރަމުން އަންނަ ގޮތަށް ރާއްޖޭގައި އެކަން ކުރެވޭނެ މަގުފަހިވާނެއެވެ. ޙައްޖަށްދާން ޖާގަ ހޯދުމާއި ފައިސާ ދެއްކުމާއި ކަމަށް ބޭނުންވާ އެހެން އިންތިޒާމްތައް ހަމަޖެއްސުމާއި މަޢުލޫމާތު ބަދަކުރުމާއި އަދި ޙައްޖަށް މީހުން ގެންދިއުމުގެ ކަންކަން ހަރުދަނާގޮތެއްގައި ވިލަރެސްކުރެއްވުމުގެ މަސައްކަތަށް މި ޕޯޓަލް މެދުވެރިކުރައްވައިގެން ކުރެއްވޭނެކަމަށްވެސް އިސްލާމިކް މިނިސްޓަރ އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް ދިވެހިން ޙައްޖަށް ގެންދިއުމުގެ އުޞޫލުތައް އަލުން މުރާޖަޢާކުރެއްވުމާއި ޙައްޖު މިޝަންގެ ފަރާތުން މިފަހަރުގެ ޙައްޖު ދަތުރަށްފަހު ހުށަހަޅުއްވާ ރިޕޯޓްގައި ރަނގަޅުކަމަށް ފާހަގަކުރައްވާ ކަންކަން ދެމެހެއްޓެވުމާއި ރަނގަޅުކުރައްވަން ޖެހޭކަމަށް ފާހަގަކުރެއްވޭ ކަންކަން ރަނގަޅުކުރެއްވުމުގެ މަސައްކަތްކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.